މިއަދު ދިން ބޮމުގެ ހަމަލާތައް ދިން ސަރަހައްދު އަފްގާނިސްތާނުގެ ފުލުހުން ބަލަހައްޓަނީ

އަފްއާނިސްތާނުގެ ކާބުލްގައި ބާރުގަދަ 3 ގޮވުމެއް ގޮވާ 5 މީހަކު މަރުވެއްޖެ

އަފްއާނިސްތާނުގެ ކާބުލްގައި ބާރުގަދަ 3 ގޮވުމެއް ގޮވާ 5 މީހަކު މަރުވެއްޖެ

އަފްއާނިސްތާނުގެ ވެރިރަށް ކާބުލްގެ 3 ސަރަހައްދެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވާ 5 މީހަކު މަރުވެ 2 މީހަކު ޒަޚަމް ވެއްޖެއެވެ.

ކާބުންގެ ފުލުހުންގެ ތަރުޖަމާން ފިރުދައުސް ފަރަމާޒް ވިދާޅުވި ގޮތުގައި، އެންމެ ފުރަތަމަ ދެގޮވުން ގޮވާފައިވަނީ 15 މިނިޓްގެ ދުރުމިނުގައެވެ. އަދި 3 ވަނަ ގޮވުން ގޮއްވާލާފައިވަނީ، ފުލުހުންގެ އެއްގަމު އުޅަދަކަށް އަމާޒުކޮށް، އޭގެ 2 ގަޑިއެއްހާއިރު ފަހުންނެވެ.

އަދި މިހާތަނަށް އައިއިރު، މި ގޮވުންތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއެއް ނުވެއެވެ.

އަދި މިގޮވުންތައް ގޮއްވާލާފައިވަނީ، ކޮންވަސީލަތްތަކެއްގެ ބޭނުން ކޮށްގެން ކަމެއްވެސް އަދި މުޅިން ސާފުވެފައެއް ނުވެއެވެ. އެހެންނަމަވެސް، ފަހަކަށްއައިސް، ކާބުލްގައި ގޮއްވާލާފައިވާ ގިނަ ބޮންތައް ގޮއްވާލާފައިވަނީ، ދަގަތްޕާނުގެ ބޭނުންކޮށްގެން ބޮންތައް އެއްގަމު އުޅަދުތަކުގައި ހަރުކޮށް، ރިމޯޓް ކޮންޓްރޯލްގެ ބޭނުން ކޮށްގެނެވެ.

މިއަދު ދީފައިވާ ބޮމުގެ 3 ހަމަލާގެ ތެެރެއިން 2 ވަނަ ހަމަލާ އަމާޒުކޮށްފައިވަނީ، ކާބުލްގެ ހުޅަގުއުތުރު އަވަށެގައި، އެގައުމުގެ ސިފައިން ދަތުރުކުރަމުންދިޔަ އުޅަދަކަށެވެ. މިހަމަލާގައި ސިފައިންގެ 2 މީހަކު ވަނީ މަރުވެފައެވެ. އަދި މިހަމަލާގައި ބޮން ގޮއްވާލި ސަރަހައްދުން ހިގާފައިދިޔަ އާންމުންގެ މީހަކުވެސް ވަނީ މަރުވެފައެވެ.

ތިންވަނަ ހަމަލާގައި ބޮން ގޮއްވާލާފައިވަނީ، ފުލުހުންގެ އުޅަދަކަށް އަމާޒުކޮންގެންނެވެ. ކާބުލްގެ ހުޅަގު ސަރަހައްދުގައި ދިން މިހަމަލާގައި ފުލުހުންގެ އުޅަދު އެއްކޮށް ހަލާކުވެ، ފުލުހުންގެ 2 މީހަކު މަރުވެފައި ވެއެވެ. އަދި ފުރަތަމަ ހަމަލާ އާންމުންގެ ދެމީހަކު ދަތުރު ކުރަމުންދިޔަ އުޅަދަކަށް އަމާޒުކުރުމުގެ ސަބަބުން އެ އުޅަދުގައި ދަތުރުކުރަމުން ދިޔަ ދެމީހުންވެސް ވަނީ ވަރަށް ބޮޑަށް ޒަޚަމް ވެފައެވެ.

ކާބުލްގެ ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި، މިހަލާތަކާއިގުޅޭ ތަހުގީގުތައް މިހާރުދަނީ ކުރިޔަށެވެ.

ތާލިބާން ޖަމާއަތާއި، އަފްއާނިސްތާން ސަރުކާރ ދެމެދު ގަތަރުގައި ބޭއްވެމުންއައި ސުލްހައިގެ ވާހަކަތައް ހުއްޓުމަކަށް އައިފަހުން، އެގައުމުގައި ބޮން ގޮއްވުމާއި، ވަކިވަކި މީހުންނަށް އަމާޒުކޮށް ހަމަލާ ދިނުމާއި އަދި މިނޫނަސް އެތަކެއް ހަމަނުޖެހުންތަކެއް ވަނީ އެކި ހިސާބުތަކުގައި އިތުރުވެގެން ގޮސްފައެވެ.

އަދި ފަހަކަށް އަފްގާނިސްތާނުގައި ހިންގާފައި ބައެއް ބޮމުގެ ހަމަލާތަކުގެ ޒިންމާ، އަލްގައިދާ ޖަމާއަތާ ގުޅުންހުރި ބައެއް ޖަމާއަތްތަކުން އުފުލާފައިވި ނަމަވެސް، މިފަދަ ގިނަ ހަމަލާތަކުގެ ޒިންމާ އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ. އެހެންނަވަމެސް، އަފްގާން ސަރުކާރުން މިހަމަލާތުގެ ޒިންމާ އަޅުވާފައިވަނީ ތާލިބާނުންގެ ބޮލުގައެވެ. އެހެންނަމަވެސް އެޖަމާއަތުންވަނީ މިފަދަ ގިނަ ތުހުމަތުތަކާ ދެކޮޅު ހަދާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *