ސަރުކާރުގެ ކޯލިޝަން ވެރިން ކިތަންމެ ބޭނުން ވިޔަސް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ކުރަމުންދާ އިހުތިޖާޖުތައް ނުހުއްޓުވޭނެ ކަމުގައި ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މާލޭގައާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކުރަމުންދާ އިހުތިޖާޖުތައް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަށް ނުހައްގުން ދެމުންދާ އަނިޔާތަކަކީ ދިވެހި އެއްވެސް ރައްޔިތަކު ބަލައި ގަންނަނާނެ ކަމެއްނޫންކަމަށެވެ.
ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމާއި އެމަނިކުފާނަށް ދެމުންދާ އަނިޔާތަކަކީ ނުހައްގު ދައުވާއެއްގެ މައްޗަށް ނިފާގު ހެކި އުފައްދައިގެން ކޮށްފައިވާ ހުކުމަކަށްވާއިރު އެމަނިކުފާނަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި ރައްޔިތުން ފަހަތައް ނުޖެއްސޭނަކަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލަށް ލާފައިވަނީ ސިޔާސީ ގޮތުން، ނިފާގު ހެކި އުފައްދައިގެން. ރައީސް ޔާމީން މިނިވަން ވަންދެން، ވަގުތާއި ހާލަތައި ގުޅޭގޮތަށް، ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރިއަށްދާނެ. ކޯލިޝަން ސަރުކާރުގެ ވެރިން ބޭނުން ވިޔަސް އެކަމެއް ނުހުއްޓުވޭނެ.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ދަނީ މާލެއާއި އަތޮޅު ތެރޭގައި މުޒަހަރާތައް ބާއްވަމުންނެވެ. މިމުޒާހަރާތައް ދުވަހެއް ދުވަހަށް ފުޅާކުރަމުންދާއިރު، މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.
ކޮމެންޓު ފޮނުވާ