އިންޑިއާއިން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ އިތުރު 100،000 ޑޯޒް މިއަދު ހަދިޔާކޮށްފި އެވެ.
އިންޑިއާގެ މި އެހީގެ އެއްބަސްވުމުގައި، ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. އިންޑިއާއިން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރުގެ ހާޒިރުގަ އެވެ. އޭނާގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އިންނެވި އެވެ.
މި އާ އެހީގެ ސަބަބުން ރާއްޖޭގެ ވެކްސިން ޕްރޮގްރާމަށް ވަރަށް ބޮޑު ފަސޭހައަކާއި ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެ އެވެ. ސަރުކާރުން ނިންމާފައި ވަނީ މިހާރު ލިބިފައި ހުރި 100،000 ވެސް އަވަހަށް ޖަހާށެވެ. ދެ ވަނަ ޑޯޒްގެ ކަންކަން ކުރިއަށް ގެންދާނީ ފަހުން ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
މިހާރު ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޮފާމްގެ 5000 ވެކްސިން ޑޯޒްވެސް ރާއްޖެއަށްވަނީ ލިބިފައެވެ. ސަރުކާރުގެ އަމާޒަކީ 6 މަސްތެރޭގައި، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމެވެ. ވެކްސިން ދިނުމުގެ މަސައްކަތް މާލޭ ސަރަޙައްދުގެ 8 ސެންޓަރަކާއި، އަތޮޅުތަކުގެ 66 ސެންޓަރުގައި ދަނީ ޖަހަމުންނެވެ. ރާޢްޖެއިން މިހާތަނަސް ވަނީ 56،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައެވެ.
އެޗްޕީއޭގެ މިރޭގެ ޕްރެސްގައި ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ ކޯވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒް ވެކްސިން ޖަހުމަށް ހަމަޖެހިފައިވަނީ 8 ހަފްތާ ފަހުންކަމަށެވެ.
ކޮމެންޓު ފޮނުވާ