ދެ ފަތުރުވެރިއަކު ރާއްޖޭގެ ރިސޯޓެއްގައި - ފޮޓޯ: މޫވެންޕިކް ރިސޯޓް

ބޯޑަރު ހުޅުވާލިފަހުން 44،277 ޓޫރިސްޓް އެނދު މިހާތަނަށް ހިދުމަތަށް

ބޯޑަރު ހުޅުވާލިފަހުން 44،277 ޓޫރިސްޓް އެނދު މިހާތަނަށް ހިދުމަތަށް

މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން 44،277 ޓޫރިސްޓް އެނދު މިހާތަނަށް ހިދުމަތަށް ނެރެފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޖުމްލަ 646 ޓޫރިސްޓް ފެސިލިޓީއެއް ވަނީ ހިދުމަތައް ނެރެވިފައެވެ. އެއީ 146 ރިސޯޓާއި 363 ހޮޓާ-ގެސްޓުހައުސްގެ އިތުރުން 137 ސަފާރީ އުޅަނދެވެ.

ރާއްޖޭގައި އޮޕަރޭޓްކުރާ ސަފާރީއެއް – ފޮޓޯ: ލިވަބޯޑް ޑައިވިންގ

މިހާތަނަށް ހިދުމަތަށް ނެރެފައިވާ 44،277 ޓޫރިސްޓް އެނދު ބެހިފައި ވާގޮތަށް ބަލާއިރު، ރިސޯޓުތަކުން ޖުމްލަ 33،672 އެނދުން ވަނީ ހިދުމަތް ދޭން ފަށާފައެވެ. ހޮޓާ-ގެސްޓުހައުސް ތަކުން 7،940 އެނދާއި، ސަފާރީތަކުން 2،665 ޓޫރިސްޓް އެނދުވެސް މިހާރު މިހާތަނަށް ހިދުމަތަށް އަނބުރާ ގެނެސްފައިވެއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭތަންތަން މިއަދަދަށް އިތުރުވެފައި ވާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވެސްވަނީ 150،000 އަށްވުރެ މައްޗަށް ޖެހިލާފައެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ނިޔަލަށް 151،113 ފަތުރުވެރިން ރާއްޖެއަށް މިއަހަރު ވަނީ ޒިޔާރަތްކޮށްފަ އެވެ.

ދެ ފަތުރުވެރިއަކު ރާއްޖޭގެ ގޮނޑުދޮށެއްގައި – ފޮޓޯ: ބަރޮސް މޯލްޑިވްސް

މި ފެބްރުވަރީ މަހު ގެ ފުރަތަމަ 18 ދުވަހު އެކަނިވެސް ރާއްޖެއަށް 59،010 ފަތުރުވެރިންވަނީ އައިސްފައެވެ. އެހެންކަމުން އެވްރެޖް ގޮތެއްގައި ރާއްޖެއަށް މި މަހު ދުވާލަކު 3،278 ފަތުރުވެރިންގެ ރޭޓުން މިހާތަނަށް ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނަ ފަރުވެރިން އަންނަ ގައުމުތަކުގެ ލިސްޓްގެ އެއް ވަނާގައި އަހަރު ފެށުނީއްސުރެ އޮތް ރަޝިއާ ފަހަތަށް ޖައްސާލުމަށްފަހު އިންޑިއާ މިހާރުވަނީ މި ލިސްޓުގެ އެއްވަނައަށް ޖެހިލާފައެވެ. އެގޮތުން އިއްޔެގެ ނިޔަލަށް އިންޑިއާއަށް ނިސްބަތްވާ 32،970 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ. އަދި ރަޝިއާއަށް ނިސްބަތްވާ 32،019 ފަތުރުވެރިން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *