ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން ޢިމާރާތްކުރަމުންދާ އެއް ކޮޓަރީގެ 204 ފްލެޓު ވިޔަފާރި އުސޫލުން ވިއްކާލާފައިވާ ކަމަށް ބުނެ ލިޔެފައިވާ ހަބަރަކީ ކަމުގެ ހަޤީޤަތް އޮޅޭގޮތަށް ލިޔެފައިވާ ރިޕޯޓެއްކަމަށް އެމްޕީއެލް އިން ބުނެފިއެވެ.
އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޮއިސް ނޫހުގައި 19 ފެބްރުއަރީ 2021 ވަނަ ދުވަހު އެމްޕީއެލްގެ މުވައްޒަފަކާ ހަވާލާދީ ކަމަށް ބުނެ ލިޔެފައިވާ ރިޕޯޓަކީ ދޮގު ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ކަމަށެވެ.
އެ ކުންފުނިން ބުނެފައިވަނީ މީޑިއާ އަށް މައުލޫމާތު ދިނުމަށް ކުންފުނިން ކަނޑައަޅާފައިވާ އޮފިޝަލެއް، ކަން ހިނގާފައިވާގޮތާ ޚިލާފު މިފަދަ މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމުގެ ޔަގީންކަން ދޭކަމަށެވެ. ދިވެހި ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ކަމުގެ ހަގީގަތް ނުހޯދާ މިފަދަ ހަބަރެއް ލިޔެފައިވާތީ އެކަން ކުށްވެރި ކުރާކަމަށް ބުނެފައިވެއެވެ. އަދި މިފަދަ ޚަބަރުތައް ޒިންމާދާރުކަމާއެކު އާއްމުންނާއި ހިސާބަށް ފޯރުކޮށްދިނުމަށް އެމްޕީއެލްއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި މިފަދަ ހަޤީޤަތާ ޚިލާފު މަޢުލޫމާތު ތަކެއް މި ކުންފުންޏާ ގުޅުވައިގެން ފެތުރި މައްސަލައިގައި ވޮއިސް ނޫހުގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް އެދި މީޑިއާ ކައުންސިލް އަށް މައްސަލަ ހުށައަޅާނެ ކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ. އެމްޕީއެލްއިން ބުނެފައިވަނީ އެކުންފުނިިން ޢިމާރާތް ކުރަމުންދާ ފުލެޓް ތަކަކީ އެ ކުންފުނީގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ޢިމާރާތް ކުރަމުންދާ ފުލެޓްތަކެއްކަމަށެވެ.
މި ފުލެޓްތައް ގަތުމުގެ ފުރުސަތު ދެވޭނީ ކުންފުނީގެ މުއައްޒަފުންގެ ތެރެއިން ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުޞޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ މުވައްޒަފުންގެ ތަރުތީބުން ކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ