ސަރުކާރުން ކިތަންމެ އިންޒާރެއްދީ ބިރު ދެއްކިޔަސް، ރައްޔިތުންގެ މާލިއްޔާއަށް ޚިޔާނާތްތެރިވެ ކުރަމުންދާ ވައްކަންތަކުގެ ވާހަކަ ދައްކަން ރައްޔިތުން މަގުތަކަށް ނިކުންނާކެމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
ހުސެއިން މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަނުން އިއްޔެ މާލޭގައި ގިނަ ބަޔަކާއިއެކު ކުރި މުޒާހަރާ ރޫލާލައި ފުލުހުން ދެމުންދިޔަ އިންޒާރުތަކާއި ގުޅިގެންނެވެ. އިއްޔެގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އިންތިހާއަށް ބާރުގެ ބޭނުންކޮށް، މުޒާހަރާ ރޫޅާލާފައިވާއިރު، ނޫސްވެރިންނަށާއި، އާންމުންނަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.
މުޒާހަރާގައި ފުލުހުން ނެރެ ސަރުކާރުން ދެމުންދާ އިންޒާރުތަކާއި ގުޅިގެން ހުސެއިން ވިދާޅުވީ އަވަށްޓެރި ޤައުމުތަކުން ދިވެހި ރައްޔިތުންގެ ހާލަތާއިމެދު ކަންބޮޑުވެ ދީފައިވާފައިސާތަކަށް ހެދި ގޮތެއްނޭގި އެތަކެއް ވައްކަންތަކެއް ކުރަމުންދާއިރު އެޔަށް ވީގޮތެއް ހޯދަން ރައްޔިތުން ނިކުންނާނެކަމަށެވެ. އަދި އެއީ އިންޒާރުދީ ބިރު ދައްކައިގެން ރައްޔިތުން ހުއްޓުވޭނެ ކަމެއް ނޫންކަމަށް ހުސެއިން ވިދާޅުވިއެވެ.
އިންޑިޔާއިން ދިން ހުރިހާ ފައިސާއެއް ގޮހޮރަށްލައިގެން ތިބެ ފުލުހުންނެރެ އިންޒާރު ދިނަސް، ސަރުކާރުން ކުރާ ވައްކަމާއި ދެކޮޅަށް ރައްޔިތުން ނިކުންނާނެ.
– ހުސެއިން ވިދާޅުވިއެވެ.
އިއްޔެގެ މުޒާހަރާގައި ފުލުހުން ވަނީ މާލޭގެ މަގުތަކަކީ އެއްވުން މަނާ ތަނެއްކަމަށްވާތީ އެއްވާން ފުރުސަތު ނުދޭނެކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި އެއްވެފައިވާ މީހުން ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގައި ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އިއްޔެގެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ކުރި މަސައްކަތުގައި މުޒާހަރާ ކަވަރު ކުރި ކެމެރާމަނަކަށް ބޮޑެތި އަނިޔާތަކެއް ލިބި ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. އަދި ބައެއް މީހުން ވަނީ ފުލުހުންގެ ބަންދަށް ގެންގޮސްފައެވެ.
ކޮމެންޓު ފޮނުވާ