އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ މާދަމާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން މާލޭގެ ގިނަ ސަރަޙައްދުތަކެއްގައި އުޅަނދުތަކުގައާއި ހިނގާފައި އުޅުން މަނާވާނެކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އިންޑިއާގެ އެކސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ.ސުބްރަމާނިއަމް ޖައިޝަންކަރް ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން މާދަމާގެ ބައެއް ވަގުތުތަކުގައި ބްރިޖުން ފެށިގެން ކަޅުތުއްކަލާކޮށްޓާއި ހަމައަށް އަދި ބްރިޖުން ފެށިގެން ހުޅަނގަށް ޖުމްހޫރީ މައިދާނާ ހަމައަށް މާލޭގެ ބޭރު މަގު ބަންދުވާނެއެވެ. އަދި މިމަގުތަކާއި ގުޅިފައިވާ ގޯޅިތައްވެސް ބަންދުވާނެކަމަށް ފުލުހުން ބުންޏެވެ.
މި ސަރަޙައްދު ބަންދުކުރާނީ މާދަމާ މެންފުރުފަހު 2:00 އިން ހަރަކާތްތައް ނިމެންދެންނެވެ. އަދި މާދަމާގެ މެންދުރު 12:00ގެ ކުރިން، ކާނިވާ ސަރަޙައްދާއި ޖުމްހޫރީ މައިދާނާ ދެމެދުގެ ސަރަޙައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނީ އާދިއްތަ ދުވަހުވެސް މާލޭގެ ގިނަ ސަރަޙައްދުތަކެއް ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް ބަންދުވާނެކަމަށެވެ. އެގޮތުން ބޮޑުތަކުރުފާނު މަގުގެ ފަތާ ޓްރެކް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ބަންދުކުރާއިރު އެމަގާ ގުޅިގައިވާ ގޯޅިތަކާއި ރައްޔިތުންގެ މަޖިލިސް ހިމެނޭ ސަރަޙައްދުވެސް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އާދިއްތަ ދުވަހު ބަންދުކުރާ ސަރަޙައްދުތައް ބަންދުވާނީ ހެނދުނު 7:00 އިން ފެށިގެން ހަރަކާތްތައް ނިމެންދެންކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މާދަމާރޭ 12:00ގެ ފަހުން ކާނިވާ ސަރަޙައްދާއި ޖުމްހޫރީ މައިދާނާ ދެމެދުގެ ސަރަޙައްދުގައި އުޅަނދު ޕާކު ނުކުރުމަށާއި އަދި ޕާކުކޮށްފައިވާ އުޅަނދުތައް އެސަރަޙައްދުން ނެގުމަށްވެސް ފުލުުހުން ވަނީ އަންގާފައެވެ.
ޗާޓުގައި ފާހަގަކޮށްފައިވާ ސަރަޙައްދުތަކުގައި 2021 ފެބުރުވަރީ 20 ވަނަ ދުވަހުގެ 23:59 ގެ ފަހުން އެއްވެސް އުޅަނދެއް ޕާކު ކުރުމަކީ މަނާކަމެކެވެ. އަދި ޕާކު ކޮށްފައިވާ އުޅަނދުތައް 20 ވަނަ ދުވަހުގެ 23:59 ގެެ ކުރިން ނަންގަވައި ދެއްވުން އެދެމެވެ.
— Maldives Police (@PoliceMv) February 19, 2021
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.
ކޮމެންޓު ފޮނުވާ