ތ. ތިމަރަފުށީގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއްކަމަށް ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.
މުސްޠަވާ މިހެން ވިދާޅުވެފައިވާއިރު، ތ. ތިމަރަފުށީގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.
ތ. ތިމަރަފުށީ ދޯންޏަކުންނާއި އެ ރަށުން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންނާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސްއާ ގުޅުން އޮތް ކަމަށާއި ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާން ހަދަމުން ދަނިކޮށް ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން އެ މީހުން ރޭވި ކަމަށް ފުލުހުން ހާމަކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
މިމައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ 8 މީހުންނަކީ ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފްއާއި، ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒުއާއި ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާޞިރުއާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދުއާއި، ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދުއާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާޚު ޝަރީފްއާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠުއާއި، ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުޙައްމަދުގެ މައްޗަށެވެ.
މި ހުރިހާ އެންމެންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައި ވާއިރު، އެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ކޯޓުން ނިންމީ އެ މީހުން ދޫކޮށްލައިފިި ނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.
ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވީ، ތިމަރަފުށީ ސްކޫލް ގޮއްވާލަން އުޅުމު ކުދިންނޭ ކިޔައިގެން ފަރުރާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއްކަމަށާއި، އެކުދިންނަކީ ދެފަހަރު އެއްފަހަރު ކާންބޯން ލިބޭ ކުދިންނެއްވެސް ނޫންކަމަށްވެސް މުސްޠަފާ ވިދާޅުވިއެވެ.
ކޮންތާކު ހުރި ކެމިކަލް ސްޓޯރެއްގެ ވާހަކަތޯ މިދައްކަނީ؟ ބުހުތާނު ދޮގު.
– ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ
Thimarafushee school gohvaalan ulhunu kundhinney kiyaagen fathuraa vaahaka thakakee eh ves Asaaseh neiy dhogu vaahaka thakeh! Ekudhinnakee 2 faharu Eh faharu kaan boan libey kudhin neh ves noon! kon thaaku huri chemical storage Eh ge vaahaka tho mi dhahkanee? Buhuthaanu dhogu.
— Mohamed Musthafa (@Thimarafushi) February 18, 2021
ތ. ތިމަރަފުށީގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު މައްސަލާގައި ފުލުހުން ބުނެފައިވަނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހަކު އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެޖަމާއަތުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓެލެގްރާމްގެ އެކި ޗެނަލްތަކުގައި ފަންޑް ރެއިސްކުރުމުގެ އެކި ހަރަކާތްތައް ހިންގައި، އެކިފަރާތްތައް މެދުވެރިކޮށް ސީރިޔާއަށް ފައިސާ ފޮނުވާ، ރާއްޖޭގައި ލިބެންހުރި ގަސްކާނާއިން އެމޯނިއަމް ނައިޓްރޭޓް ވަކިކޮށް ހަމަލާއެއް ދިނުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށެވެ.
މިފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދިނުމަށް ހިއްވަރުލިބިގަތީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން “ޖަޒީރާގެ ޒުވާނުން” ނަށް މުހާތަބުކޮށް ދީފައިވާ މެސެޖަކާ ގުޅިގެންކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިގޮތުން އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން ދީފައިވާ މެސެޖުގައި “ޖިހާދުގެ މައިދާންތަކަށް ތިބާއަށް ދަތުރު ނުކުރެވިއްޖެނަމަ، ދެން ޞަލީބީ ދައުލަތްތަކުގެ ރައްޔިތުންވަނީ ތިޔަބައިމީހުންގެ ކުރިމަތީގައިކަމަށެވެ. އެހެންކަމުން މަތިވެރިވެގެންވާ ﷲ ގެ ޙަޟްރަތުން ވާގި އެދޭށެވެ. އެބައިމީހުން ގަތުލުކުރުމަށާއި، ޗިސްޗިސްކޮށްލުމުގައެވެ. އަންދާލުމުގަޔާއި، ދަންޖެއްސުމުގައެވެ.” މިފަދައިން ޓެރަރިޒަމްގެ އަމަލެއްކުރުމަށް ގޮވާލައި އެކަމަށް ހިއްވަރުދީފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ