މާލޭގެ އާސަހަރާއާއި ބެހޭގޮތުން ޗެނަލް 13 އިން ހަޤީޤަތާޚިލާފު މައުލޫމާތު ފަތުރައި، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދާފައިވާކަމަށް ބުނެ، އެޗެނަލްއާއިމެދު ފިޔަވަޅު އެޅުމަށް މާލޭ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ޗެނަލް13އިން އާސަހަރާގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ފަރާތުން
އެތަނުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރަމުންދާ ކަމަށް ބުނެ ހާމަކޮށްފައިވާ ރިޕޯޓަކީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއްކަމަށެވެ. އެއީ ހަޤީގަތްނުބަލާ ނޫސްވެރިކަމުގެ މިންގަޑާ ޚިލާފަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ކައުންސިލް ބަދުނާމުވާގޮތަށް އާއްމުކޮށްފައިވާ އަސާސެއް ނެތް ޚިޔާލީ ވާހަކަތަކެއްގެ މައްޗަށް ނެރެފައިވާ ދޮގު ރިޕޯޓެއްކަމަށް ސިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ.
މާލޭގެ އާސަހާރާ އާއި ބެހޭ ގޮތުން ޗެނަލް 13 އިން ނެރެފައިވާ ރިޕޯޓާއި ގުޅޭގޮތުން ނެރޭ ނޫސްބަޔާން pic.twitter.com/VGnj6VYiUi
— Male' City Council (@MaleCitymv) February 19, 2021
ސިޓީ ކައުންސިލުން ބުނީ މިއީ ކޯވިޑް-19ގެ ނުރައްކާތެރިކަން އިންތިހާއަށް ފެތުރެމުންދާ މި ދަނޑިވަޅުގައި މާލޭ ސިޓީގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރަމުންދާ މާލޭ ސިޓީ ކައުންސިލްގެ ޖަމާއަތްތެރިންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން އަދި މާލޭ ސިޓީގައި ދިރިއުޅޭ އެންމެހައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ.
ސިޓީ ކައުންސިލުން ވަނީ އެކައުންސިލުގެ ބަހެއް ނެތި ރައްޔިތުންނާއި ގުޅުންހުރި މިފަދަ ޚައްޞާސް ކަންތައްތަކާއި ބެހޭގޮތުން ހަޤީޤަތާއި ޚިލާފު މައުލޫމާތު ފަތުރައި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއްސަސާތަކަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ