އެމްޑީޕީއަކީ ދިމާވާ އެކި ހާލަތްތަކުގައި ގޮންޖެހުންތަކާއިއެކުވެސް ކުރިއަށްދާން އެގޭ ސިޔާސީ ޕާޓީއެއް ކަމަށާއި، އެއްގޮތް ނެތިއްޔާ އަނެއްގޮތް ހޯދައިގެންވެސް އެމްޑީޕީން ކުރިއަށް ދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ގުޅޭގިތުން ދައުލަތުގެ މީޑިޔާއިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ކޯވިޑްގެ މިހާކަތަކީ މުޅި ދުނިޔެ ހުއްޓުވާލި ނުރައްކާތެރި ބަލި މަޑު ކަމެއްކަމަށެވެ. މިހާލަތާއިއެކު ރާއްޖެއަށް ކުރިމަތިވި ހިއްދަތިކަމާއި ބިރުވެރިކަމުގެ ހަނދާންތައް މިއަދުވެސް ފެންނަން ހުރިއިރު، ސަރުކާރުން މިކަމުގައި އަމަލުކޮށްފައިވަނީ ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރި ކަމާއި އެކުގައިކަމަށް ވަހީދު ވިދާޅުވިއެވެ. އެއްވެސް ސިވިލްސާވަންޓަކު ވަޒީފާއިން ވަކިނުކޮށް، އަސާސީ ޚިދުމަތަށް ދިވެހި އެއްވެސް ރައްޔިތަކު ނުޖެހި މިހިސާބައް އާދެވުމަކީ ދުނިޔޭގެ މަދު ޤައުމަކަށް ނޫނީ ވެފައިކާ ކަމެއް ނޫންކަމށް ވަހީދު ވިދާޅުވިއެވެ.
މިހާލަތާއި ގުޅިގެން ސަރުކާރުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު ކައުންސިލްތައް އިންތިޚާބު ނުވެ ދިގުލައިގން ދާކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް ވަހީދު ވިދާޅުވިއެވެ. މިމަކީ ވަކި މީހަކު ބޭނުންވެގެން ނުވަތަ ވަކި ބަޔަކު ބޭނުން ވެގެން ހުއްޓުވާފައި އޮތް ކަމެއް ނޫންކަމަށާއި، މާދަމާވެސް އިންތިޚާބު ބޭއްވުމަކީ އެމްޑީޕީން އެދޭގޮތް ކަމަށް ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއަކީ ދިމާވާ ކޮންމެ ހާލަތަކަށްވެސް އަބަދުވެސް ތައްޔާރަށް އޮންނަ ސިޔާސީ ހަރަކާތެއް ކަމަށެވެ. ހިތްދަތި ދުވަސްތަކާއި އުފާވެރި ދުވަސްތަކަކީ އެމްޑީޕީން ތަޖުރިބާ ކޮށްފައިވާ އެކަންކަމާއި ކުރިމަތިލާނެކަން އެގިތިބި ސިޔާސީ މައިދާނަށް ނިކުމެ އޮތް ހަރަކާތެއްކަމަށެވެ.
އަޅުގަނޑުމެންގެ ކުރިމަތީގައި މަގު ބަންދު ބޯޑެއް ހުރެއްނަމަ އަޅުގަނޑުމެން އެބަ ބަލަން ޖެހިގެން އިން ގޯޅިން އަޅައިގެން ނަމަވެސް ދެވޭތޯ. އަޅުގަނޑުމެންނަކީ ހުއްޓޭނެ ބައެއްނޫން. އަބަދު ހުއްޓި ތިބޭނެ ބައެއްނޫން. އަޅުގަނޑުމެންނަށް އަބަދުވެސް ކުރިއަށްދާނެ ބައެއް.
– ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކައުންސިލް އިންތިޚާބު މިހާރު ތާވަލް ކޮށްފައިވާ ގޮތަށް ބޭއްވުމަކީ މަޖިލީހުންވެސް އަދި ރާއްޖޭގެ ރައްޔިތުންވެސް ބޭނުންވާ ގޮތްކަމަށެވެ. އެގޮތުން އޭޕްރީލް 10 ވަނަ ދުވަހު ބޭއްވޭ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނީ ވަރަށް ބޮޑު ތަފާތަކުން ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި މިހާލަތުގައި އެމްޑީޕީން ކުރާނީ ނަމޫނާ ކެންޕެއިނެއް ކަަމަށާއި، މިއީ ތަފާތު އަދި ކާމިޔާބު ކެންޕެއިނަކަށް ވާނެކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއަކީ ދޮރުން ދޮރަށް ހިނގައި، ޖަލްސާ ބާއްވައި، ބޮޑެތި އެއްވުންތައް ބާއްވައި، ކަންމަތި ބައްދަލުވުމަށް އެންމެ ފަރިތަ ޕާޓީއަށްވާއިރު އެކަންކަން ނުކުރެވި އިންތިޚާބު ބާއްވަންޖެހުމަކީ އެމްޑީޕީއަށްވެސް ފަސޭހަ ކަމެއް ނޫންކަމަށެވެ. ނަމަވެސް ހާލަތާއިއެކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އިންތިޚާބު ބޭއްވި ގޮތަށް ރާއްޖޭގައި އިންތިޚާބު ބާއްވައި ރާއްޖެ ކުރިއަށް ދާންޖެހޭކަމަށެވެ.
ކޮމެންޓު ފޮނުވާ