ޅ.ނައިފަރުގައި މިރޭ އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕުން މާލޭގައި ތިއްބައިވައިގެން ބޭއްވި ޖަލްސާގައި އެދާއިރާގެ މެމްބަރުގެ އިހުލާސްތެރި ޝުއޫރުތަކާއިއެކު ދާއިރާގެ މެމްބަރުންނަށް ފުން އަސަރުތަކެއް ކުރުވި ވާހަތަކެއް ދޫކުރައްވައިފިއެވެ.
މާލޭގައި ގިނަ ދުވަހު ދާއިރާގެ ރައްޔިތުންނާއި ބައްދަލުނުވެ ހުރުމަށްފަހު މިރޭ ފޯނު މެދުވެރިކޮށް ދެއްކެވި ވާހަކަތަކުގައި ޝިޔާމްވަނީ މިއަދު ޤައުމު އޮތް ހާލަތަކާއި، ރައްޔިތުން އުޅެމުންދާ ދަތިހާލަތާއިމެދު ދިވެހި ހުރިހާ ރައްޔިތުން ފުންކޮށް ވިސްނުމަށް އެދިވަޑައިގެންފައެވެ. ނަފައިރާއި، ރާއްޖޭގެ ހުރިހާ ރަށްތަކަށް ރައީސް ޔާމީންގެ ވެރިކަމުގައި އަންނަމުންދިޔަ ތަރައްޤީ ހުއްޓި ރައްޔިތުންގެ ޖީބުތަކަށް ވަންނަމުންދިޔަ ފައިސާ ބަންދުވެ، އެތަކެއް އާއިލާއެއް ނިކަމެތި ހާލުގައި އުޅެމުންދާކަމީ ފުން އަސަރުތަކެއް ކުރުވާ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ރައްޔިތުން ކުރިމަތިލާއިރު އެންމެބޮޑަށް ހަދާން ކުރަންވީ މިއަދު ކުރިމަތިލަނީ ޕާޓީއަށާއި، ތިމާ ނިސްބަތްވާ ރަށަށް އެކަނި މޮޅުގޮތް ހޯދުމަށް ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ. މިއަދު ވިސްނަންވީ ޤައުމު އޮތް ހާލަތާއި، މުޅި ރައްޔިތުން އުޅޭ ހާލަތަކަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިފަހަރުދޭ ވޯޓަކީ ވަކި ޕާޓީއަކަށްވުރެ ޤައުމު އިސްކޮށް ޤައުމާއި ރައްޔިތުންގެ ހައްގުގައި މި ފަސްގަނޑު ސަލާމަތްކުރުމަށްޓަކައި، މިހާރު އޮތް އަނިޔާވެރި ސަރުކާރުގެ ކިބައިން ޤައުމު އަމާން އައްސޭރިއަކަށް ގެންދިއުމަށް ދެއްވާ ވޯޓަކަށް ހެއްދުމަށް ޝިޔާމް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އާންމު ގޮތެއްގައި ވަރަށް ޖޯޝާއި ފޯރީގައި ވާހަކަ ދައްކަވާ ޝިޔާމްގެ މިރޭގެ ވާހަފުޅު އަޑުއަހަން ތިއްބެވި އަމިއްލަ ދާއިރާގެ ރައްޔިތުންވެސް ތިބީ ވަރަށް ބޮޑަށް ހުއްޓުން އަރައި ފުން އަސަރުތަކެއް ކުރުވާފައެވެ. ރައްޔިތުންގެ ފަރާތުން ފެންނަމުންދިޔަ ހިތްދަތި ކަމާއި މާޔޫސްކަމަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ ދާއިރާއަށާއި، ޤާއުމަށް ހެޔޮގޮތް ހޯދުމަށް ކުރަންޖެހޭ ކޮންމެ މަަސައްކަތެއް ފަސްޖެހުމެއްނެތި ކުރައްވާނެކަމަށެވެ. އެމަސައްކަތް ކުރުމުގައި ޖަލަށް ލިޔަސް، ބަންދު ކުރިޔަސް އަނިޔާވެރިކަމަށް ބިރުން ފަހަތައް ނުޖެހޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިއަދު ޤައުމާއިމެދު ވިސްނަގައި ރައްޔިތުންނަށް ހެޔޮގޮތް ހޯދުމަށް މަސައްކަތް ކުރުމަށް ގޮވާލާފައެވެ. އަދި މިއީ ސީރިއަސް އަދި ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން ހުރިހާ ރައްޔިތުން މަސައްކަތް ނުކޮށްފިނަމަ ރައްޔިތުންނަށް އިޔާދަނުކުރެވޭ ގެއްލުން ކުރިމަތިވާނެ ކަމެއްކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ