ޓްރާސްޕޯޓް މިނިސްޓްރީއާއި ގުޅޭގޮތުން އޭސީސީން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީގައި ދައްކާފައިވަނީ ހަގީގަތާއި ޚިލާފް ވާހަތަކެއް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލަމުން އަންނަ ކޮންސަލްޓަންޓުންގެ ވާހަކަތަކާއި ގުޅިގެން ޓްރާސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޤަވާއިދުގައިވާ ގޮތުން ގްރޭޓަރ މާލެ ސަރަޙައްދަށް ވެހިކަލް ރަޖިސްޓަރީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށައަޅާ އެޕްލިކޭޝަންތަކާއިއެކު ވެހިކަލް ބާއްވާނެ ގަރާޖެއްގެ ހުއްދަ އޮންނަން ޖެހޭނެކަމަށް ބުނެފައިވާތީ، ވެހިކަލް ރަޖިސްޓްރީ ކޮށްދިނުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބަލަނީ މާލޭ ސިޓީ ކައުންސިލުން ނުވަތަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ދޫކުރާ ހުއްދައެއްގެ މައްޗަށް ކަމުގައެވެ.
މާލެ ސަރަޙައްދަށް ރަޖިސްޓަރީ ކުރާ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންތައްތަކެއް ހިނގާކަމަށް ފާހަގަކުރެވި އެފަދަ ޝަކުވާތަކެއް ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބެމުންދާތީ 2019 ވަނަ އަހަރުން ފެށިގެން ވެހިކަލް ބާއްވާ ގަރާޖަކީ ރަގަޅުތަނެއްތޯ ބެލުމަށްޓަކައި އޮތޯރިޓީން ބަލާ ޗެކްކުރަމުންދާކަމަށް ވަނީ ބުނެފައެވެ.
އަދި އޮތޯރިޓީން ޗެކް ކުރާއިރު، އެތަނަކީ ގަރާޖަކަށް ނުވާނަމަ ނުވަތަ ގަރާޖެއްގެ ޝަރުތު ފުރިހަމަނުވާ ތަނެއްނަމަ އެތަނަކަށް ވެހިކަލް ރަޖިސްޓަރީ ކޮށްދީފައިނުވާނެކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން، ދައްކަވާފައިވަނީ މިހާރު ކަންހިނގަމުންދާ ގޮތާއި ކަނޑައެޅިގެން ހިލާފު ވާހަކަތަކެއް ކަމުގައި ޓްރާސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމިޓީގައި ވާހަކަ ދައްކަމުން ކޮންސަލްޓަންޓް ޑރ. ސިމާދު ސައީދު ވިދާޅުވީ މާލޭގައި ގަރާޖުތަކަށް ކާރު ރަޖިސްޓްރީކުރުމުގައި 1 ގަރާޖަކަށް 70 އެއްހައި ކާރު ރަޖިސްޓްރީކޮށްފައި ވާކަމަށެވެ. އެގޮތުން ވެހިކަލްތައް ރަޖިސްޓްރީ ކުރުމަށް އޮންނަ އުސޫލުގައި ބޮޑެތި ކޮރަޕްޝަންތައް އެކުލެވިފައިވާކަމަށާއި، ކާރު ޕާކް ކުރުމަށްޓަކައި ގަރާޖުތަކުގެ ހުއްދަ ދިނުމުގައިވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެތައްކަމެއް ހިންގާފައިވާކަން މިސާލާއިއެކު ކޮމިޓީއަށް ވަނީ ހިއްސާކޮށްފައެވެ.
ވެހިކަލް ކޮރަޕްޝަންގެ ތެރެއިން މއ. މާރާދުގޭ ގަރާޖަށް 11 ކާރު ކުއްލިއަކަށް ރަޖިސްޓްރީ ކުރީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން ކަމަށް ބުނެ ތުހުމަތުތަކަކާ އެކު އޭސީސީ އަށް މައްސަލައެއް ވެސް އޮތީ ހުށަހަޅައިފަ އެވެ. މީގެ އިތުރުން ވެސް އެކި ގަރާޖްތަކުގެ ނަމުގައި ވެހިކަލްތައް ރަޖިސްޓްރީކުރާ އިރު އެކްސްޕްރެސްގެ ޚިދުމަތާ އެކު ކޮންމެ ވެހިކަލަކަށް ކޮރަޕްޝަންގެ ގޮތުގައި ގާތްގަނޑަކަށް 75،000ރ. އަށް ވުރެ ބޮޑު އަދަދެއް ނަގާ ކަމުގެ ތުހުމަތު ކުރެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިމައްސަލަ ހުށަހެޅީ އެންޓި ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން ރާއްޖޭގައި ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލަމުން އަންނަ ކޮންސަލްޓަންޓުންނެވެ. މިބައްދަލުވުމުގައި ސަރުކާރުގެ އެކި ވުޒާރާތަކުގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކުގެ ތެރެއިން ޓްރާސްޕޯޓް މިނިސްޓްރީއާއި ގުޅުންހުރި ގިނަ ކަންބޮޑުވުންތަކެއް ވަނީ ހިއްސާ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ