ދިވެހި ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް ކުރެވޭ މަސައްކަތަކީ ހަމަ އެކަނި ވިޔަފާރި ފައިދާއަށް ސަރުކާރުން ކުރާކަމަށް ވެގެން ނުވާނެކަމަށް މާލެ ސިޓީ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވެފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ސަރުކާރުން ހިންގުމުގެ ވިސްނުމެއް ނެތް ކަމަށާއި އެފަދަ މަޝްރޫއުތައް ހިންގޭނީ ވިޔަފާރި އުސޫލުން، ރަށްރަށުގެ ބިންތައް ދިގު މުއްދަތަކަށް ކުއްޔަށް ދީގެން ފައިސާ ހޯދައިގެން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ހައުސިން މަޝްރޫއުތައް ހިންގުމަށް ޓަކައި 25 ރަށަކުން 99 އަހަރަށް ބިން ކުއްޔަށްދިނުމަށް ޓަކައި އެކަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ ރަށްރަށުން ބިން ކުއްޔަށް ދޭން ކަނޑައަޅާފައިވާ ބޭސް ވެެލިއު އިން ބަލާއިރު، ކުއްޔަށްް ދެވެން ހުރި ބިންތަކުން 1.3 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަަންދާޒާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިވާހަތަކާއި ގުޅިގެން ޑރ.މުއިއްޒު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ގެދޮރު ވެރިކަން ހޯދުމަށް ކުރާ މަސައްކަތަކީ އިހުލާސްތެރި މަަސައްކަތަކަށް ވާންޖެހޭ ކަމަށެވެ. އެކަަމަކީ ސަރުކާރަށް އާމްދަނީ ހޯދަން ތާއަބަދު ކުރަންޖެހޭ ކަމަށް ވެއްޖެނަމަ އެކަމުން ރައްޔިތުންނަށް ވާނެ މަންފާއެއް ނޯންނާނެކަމަށެވެ.
ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެވެސް އިންސާނީ ހައްގެއް. އެ ހައްގު ކަށަވަރު ކޮށްދިނުމަކީ ސަރުކާރެއްގެ އެންމެ މަތީ އެއް ޒިންމާ. މިކަމަކީ ހަމައެކަނި ވިޔަފާރި އުސޫލުން ކުރެވޭކަމަކަށް ސަރުކާރުން ދެކޭނަމަ، އެ ސަރުކާރަކީ ރައްޔިތުންނަށް ހެޔޮ އެދޭ ސަރުކާރެއްގެ ގޮތުގައި ރައްޔިތުން ނުދެކޭނެ.
– މުއިއްޒު ވިދާޅުވިއެވެ.
އިއްޔެ މަޖިލީހުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ރަށްތަކުގައި ވިޔަފާރި އުސޫލުން ހައުސިން މަޝްރޫއުތައް ހިންގަން މިދިޔަ އަހަރު އަންސޮލިސިޓޭޑެޑް ޕްރޮޕޯސަލްތަކަށް ހުޅުވައިލި ކަމަށާއި އެ މަސައްކަތް ކުރަން ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އެ ފަރާތްތަކާ އެކުގައި ސަރުކާރުން މަޝްވަރާތަކެއް ވެސް ކުރި ކަމަށާއި އެހެން ނަަމަވެސް އެފަރާތްތަކުން ހުށަހެޅި އަގަކީ ސަރުކާރަށް އެކަން ކުރެވޭނެ އަގަކަށް ނުވާތީ ކުރިއަށް ނުދިޔަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ