ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް ލިބުނުހާ ފައިސާ "ބައިއަޅައި" ބަހައި ހުސްކޮށްފައިވާ ކަމުގައި އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގެ ތެރެއިން މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ހާލަތު މިއަދު އިންތިހާއަށް ދަށަށްގޮސް ރައްޔިތުން ބިކަ ހާލުގައި ޖެހިފައިވާކަމަށެވެ. ރައްޔިތުންނަށް މިއަދު މިހާލަތު ކުރިމަތިވެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އިޤްތިޞާދަށް ކުރި އަސަރުތަކާއި ގުޅިގެން ސަރުކާރުން ގެންގުޅުނު ދޯހަޅި ސިޔާސަތުގެ ސަބަބުންކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް އެކަށީގެންވާ ފައިސާ ލިބުުނުކަމުގައި ވީނަމަވެސް ފައިސާތައް ބަހައި ހުސްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ލިބުނު ފައިސާއާއި އެހީތައް މެނޭޖްކުރަން ނޭގި ރައްޔިތުން ބިކަހާލުގައި ޖެހިފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ޤައުމު މިއަދު މިއޮތީ ވަރަށް ދަތިހާލުގަ. ބޭރުން ލިބުނުހާ އެހީވަނީ ބަހައި ހުސްކޮށްފަ. ރައްޔިތުން ތިބީ ނިކަމެތިހާލުގަ. ބޮޑުންގެ ޖީބުފުރި ތަނަސްވެއްޖެ. ސަރުކާރެއް އޮވެގެން ރައްޔިތުންނަށްވީ ހަމައެއްވެސް ފައިދާއެއްނެތް
– އާދަމް ޝަރީފް
އާދަމް ޝަރީފް ވިދާޅުވީ މިއަދު ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ގެއްލިގެންދާއިރު މިކަމާއި ދެކޮޅަށް ތެދުވެ ޤައުމު އާރާސްތުކުރަންޖެހޭ ކަމަށެވެ. މިކަން ކުުރުމަށް އެންމެ ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ ރައީސް ޔާމީން މިނިވަން ކުރުންކަމަށެވެ. އެމަނިކުފާނަކީ ރާއްޖޭގެ މިހާރު އޮތް ހާލަތުން އަރައިގަތުމަށް މަަސައްކަތް ކޮށްދެވޭނެ ހަމައެކަނި ލީޑަރުކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ