ރާއްޖެ ހިފަން އިންޑިޔާބަޔަކު އަންނަނަމަ އެބަކު މަރާލާފައިވެސް މިފަސްގަނޑު ދިވެހިން ހިމާޔަތް ކުރާނެ ކަމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އިންޑިއާއިން ބޭނުންވެއްޖެނަމަ ދިވެހިން މަރާފައިވިޔަސް އެޤައުމުގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ގެންދާނެކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ދައްކަވާފައިވާ ވާހަތަކަށް ރައްދު ދެއްވަމުން އުމަރު ނަސީރު ވިދާޅުވީ ދިވެހިންގެ ތެރޭގައި އަބަދުވެސް ޤައުމަށް ޤައްދާރުވާ ޚާއިނުން އުޅޭކަމަށެވެ. ނަމަވެސް އެކަން ކުރަން އަންނަ ކޮންމެ ބަޔަކާއި ކުރިމަތިލައި އެކަން ދިވެހިން ހުއްޓުވާނެކަމަށް އުމަރު ވިދާޅުވިއެވެ.
ދިވެހިންގެ ތެރޭގައި އަބަދުވެސް ޚާއިނުން އުޅޭ. އެކަމަކު ވެސް ރާއްޖެ ހިފަން އަންނަ އިންޑިއާ މީހުން މަރާފައި ވެސް ދިވެހިންގެ ފަސްގަނޑު ދިވެހިން ހިމާޔަތްކުރާނެ. އިންޝާﷲ އެކަން ހޮޅީންނަށް އެގޭނެ.
– ޢުމަރު ނަސީރު
އުމަރު ނަސީރަކީ ރާއްޖޭގައި އިންޑިޔާ ސިފައިން ތިމުބާއި އެންމެ ބޮޑަށް ދެކޮޅު ހަދައި ވަކާލާތު ކުރަމުންދާ އެއްފަރާތެވެ. އުމަރު ވަނީ މީގެ ކުރިންވެސް އެތައްފަހަރަކު އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އަޑު އުފުލާފަ އެވެ.
އިންޑިއާއަށް ރާއްޖެ ހިފިދާނެކަމަށް މިނިސްޓަރ ފައްޔާޟާއި މާރިޔާ ވިދާޅުވެފައިވާއިރު މިހާރުގެ ސަރުކާރުން ކުރަމުންދާ ކަންކަމުގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަމުންދާ ކަމަކީވެސް އިންޑިޔާއާއި ރާއްޖެއާ ދެމެދު ބާއްވަމުންދާ ގާތް ގުޅުމެވެ. މިކަމުގައި އަޑިނޭނގޭ ކަންތައްތަކެއް އޮތްކަމަށް ގިނަބަޔަކު ތުހުމަތުކުރަމުން ގެންދެއެވެ. އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބިކަމަށް ތުހުމަތުކުރަމުންދާއިރު، ޑިފެންސް މިނިސްޓްރީއިންވެސް މިހާތަނަށް އެވާހަކަ ދޮގުކޮށްފައެއްނުވެއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ދަނީ ކެމްޕެއިނެއް ހިންގަމުންނެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި އެމީހުންނަށް ކުރަމުން އަންނަ ޚަރަދު އޮޅުންފިލުވުމަށް އޮންލައިން ނޫހަކުން އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަ އާއި ގުޅިގެން ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވީ، އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަކޮށްފި ނަމަ މި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫއަަރާފާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ