ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު އިލެކްޝަން ކޮމިޝަނުން ހަދަންޖެހޭ ހުރިހާ ހޯމްވޯކެއް ހަދާފައިވާކަމަށް އެކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް މަޖިލީހުން ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު އެޗްޕީއޭއިން އެކުލަވާލި ގައިޑްލައިންގެ ދަށުން އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ދަނީ ތައްޔާރު ވަމުންނެވެ. އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭ ގޮތުން ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން ހަބީބު ވިދާޅުވީ އިންތިޚާބު ބޭއްވުމަށް ޤާނޫނީ ގޮތުން ހުރި ގޮންޖެހުންތަކާއި، މާލީ ގޮންޖެހުންތައް މަޖިލީހަށް ހުށަހަޅާފައިވާކަމަށެވެ.
ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ އިންތިޚާބު ބޭއްވުމަށް ހުރި ޤާނޫނީ އިމުގެ ތެރެއިން އެއްވެސް މައްސަލައެއް ދިމާނުވާނެ ގޮތަކަށް އިންތިޚާބު ބޭއްވުމަށްކަމަށް ހަބީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިންތިޚާބު ބޭއްވުމަށް މަޖިލީހުން އެކުލަވާލި ޤާނޫނޫގެ ތެރެއިން އިލެކްޝަނުން ހަދަންޖެހޭ ހުރިހާ ހޯމްވޯކްތަކެއް އިލެކްޝަނުން ހަދާފައިވާކަމަށެވެ. އަދި އިލެކްޝަން ކޮމިޝަނުން ހަދަންޖެހޭ ހޯމްވޯކްތައް ހެދުމުގައި ކޮމިޝަނުން ވަރަށް ފަރިތަކަމާއިއެކު އެކަން ކޮށްފައިވާކަމަށް ހަބީބު ވިދާޅުވިއެވެ.
ހަބީބު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ އިލެކްޝަން ކޮމިޝަނުން ހޯމްވޯކް ނަހަދާކަމަށް މަޖިލިސް ރައީސް ވިދާޅުވެ ރައްދު ދެއްވާފައިވަނިކޮށެވެ. އިލެކްޝަންސް ކޮމިޝަނުން ހުށައެޅި ސިޓީ އާއި ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ތާރީހުގައި އިންތިޚާބު ބޭއްވޭނެކަމަށާއި އެ ނިންމުމަށް މަޖިލީހުން އެއްވެސް ބަދަލެއް ދެން ނުގެންނަވާނެކަމަށެވެ.
އަޅުގަޑު އަމީން އާއްމުކައިރީ ދަންނަވައިފިން މީ މިކަން އަޅުގަނޑު ދަރިފުޅުގެ ހޯމް ވީކޭ މިއެކެވޭ އެއްވަރޭ. އެއްވެސް ނުހަދާންވީ ނުހެދެންވީ އެތައް ގޮތެއް ދަރިފުޅު ކިޔާދޭ އަޅުގަނޑަށް. އަޅުގަދު ކޮމިޝަނާއި އޮފް އިލެކްޝަންސް އަށްވެސް އަދި ހުރިހާ ހޯމްވޯކް ހަދާކުދިންނަށްވެސް ދަންނަވާލާނީ މިހާރު އެއޮޓި ހޯމް ވޯކް ދީފައެވެ. ދެން އެ ނިންމައިގެން އަވަހަށް އަންނާށޭ. އިތުރު ގޮތެއް މިއަކު ނެތޭ.
– މަޖިލިސް ރައީސް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 4 ވަނަދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޯވިޑާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް މަޖިލީހުން ވަނީ ޚާއްސަ ޤާނޫނެއް ފާސްކޮށްފައެވެ. އެޤާނޫނުގައި ބުނާގޮތުން މިއަހަރުގެ މެއި މަހުގެ 9 ވަނަދުވަހުގެ ކުރިން ބާއްވާ ނިންމަންޖެހެއެވެ. އެހެންނަމަވެސް މިހާރު އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް އެ މުއްދަތުގައި އެ އިންތިޚަބު ބޭއްވުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވިދާޅުވަމުންނެވެ. މިގޮތުން ބަޖެޓްގެ ދަތިކަމާއި އިންތިޚާބުގައި އަމަލުކުރަން އެޗްޕީއޭއިން ބުނާ ކަންކަން ނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވިދާޅުވަމުންނެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމުގެ ތައްޔާރީ އިލެކްޝަނުން ވަމުންދާއިރު، މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ މައްސަލައާއި ޤާނޫނީ މައްސަލަތައް ހައްލުވެގެން ނޫނީ އިންތިޚާބު ނުބޭއްވޭނެކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ