ކެޓްރީނާ ކައިފް އާއި ސަލްމާން ޚާނުގެ ފިލްމް "ޓައިގާ-3″ ގައި ފުރަތަމަ ފަހަރަށް ސަލްމާން، އިމްރާން ހާޝްމީއާ އެކުގައި މަސައްކަތްކުރަން ހަމަޖެހިއްޖެ އެވެ.
ފިލްމުގައި ނުބައި މީހެއްގެ ރޯލުން ސަލްމާނާ ކުރިމަތިލާނީ އިމްރާން ހާޝްމީކަން އިއުލާން ކުރުމާއެކު ފިލްމަށް ބެލުންތެރިން ކުރާ އިންތިޒާރު މިވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.
ޓައިގާ 3 ގެ ޝޫޓިން އަންނަ މާރިޗު މަހުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސަލްމާން ޚާންގެ ފިލްމް ސީކުއަލް "ޓައިގާ"ގެ ތިންވަނަ ފިލްމެވެ.
މި ސީރީސްގެ ފުރަތަމަ ފިލްމު "އެކްތާ ޓައިގާ" ބެލުންތެރިންނާ ހަމައަށް ގެނެސްދިނީ 2012 ވަނަ އަހަރު އެވެ. މި ފިލްމުގައި ދައްކުވައިދެނީ އިންޑިއާގެ ސީކްރެޓް ސަރވިސް "ރޯވ"ގެ އޭޖެންޓެއްގެ ވާހަކައެވެ.
މި އޭޖެންޓުގެ މަސައްކަތުގެ ދިރިއުޅުމާއި ލޯބީގެ ދިރިއުޅުމާއި ދެމެދުގައި އުފެދޭ މައްސަލައެއްގެ މައްޗަށް ބިނާވެފައިވާ މި ފިލްމަކީ ގިނަ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ފިލްމެކެވެ. މި ސީރީސްގެ 2 ވަނަ ފިލްމު ޓައިގާ ޒިންދާހޭ ބެލުންތެރިންނާ ހަމައަށް އައީ 2014 ވަނަ އަހަރުއެވެ.
"ޓައިގާ-3″ ސިނަމަތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ. މި ފިލްމުގެ ވާހަކައަކީ ބެލުންތެރިންގެ މެދުގައި މިދުވަސްވަރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހާއްސަކޮށް ފިލްމުގައި ވިލަން އެއްގެ ގޮތުގައި އިމްރާން ހާޝްމީ ފެންނިގެންދާނެކަން އިއުލާން ކުރި ހިސާބުން ފިލްމުގެ ވާހަކަތައް އަޑު ގަދަވިއެވެ.
މިއީ އިމްރާން، ކެޓްރިނާ އަދި ސަލްމާން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. އަދި މިއީ ޔަޝް ރާޖް ފިލްމްސް އާ އެކު އިމްރާން ފެނިގެންދާ ފުރަތަމަ ފަހަރު ވެސް މެ އެވެ.
މި ހުރިހާ ސަބަބަކާހެދި ބޮލީވުޑްގައި މިހާރު އެންމެ ގިނަބަޔަކު އިންތިޒާރުކުރާ އެއް ފިލްމަކީވެސް "ޓައިގާ-3″ އެވެ.