ކަޅައިދޫގައި ޤާއިމްކުރާ މަރުކަޒަކީ ޒުވާނުންގެ ޖީލެއް ބިނާ ކުރުމުގެ މުހިންމު މަޝްރޫޢެއް

ކަޅައިދޫގައި ޤާއިމްކުރާ މަރުކަޒަކީ ޒުވާނުންގެ ޖީލެއް ބިނާ ކުރުމުގެ މުހިންމު މަޝްރޫޢެއް

Author
މުޙައްމަދު ޝަޒައިމް
17 ފެބްރުއަރީ 2021 03:22
0

ލ.ކަޅައިދޫގައި ޤާއިމްކުރާ ތަޢުލީމާއި ހުނަރު ދަސްކޮށްދޭ މަރުކަޒަކީ ޒުވާން ޖީލެއް ބިނާ ކުރުމަށްޓަކައި ހިންގޭ މުހިންމު މަޝްރޫޢުއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ސަލާމަތް ކުރުމަށް އެކުލަވައިލާފައިވާ ނޭޝަނަލް އެކްޝަން ޕްލޭންގެ ދަށުން، ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކޮށް، އެފަދަ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ޕުރޮގުރާމުތައް ހިންގުމަށް ލ. ކަޅައިދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ ޚާއްޞަ މަރުކަޒާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

ކަޅައިދޫގައި ޢިމާރާތްކުރަން ހަމަޖެހިފައިވާ މަރުކަޒުގައި ކުރިއަށްގެންދަން ރާވާފައިވާ ޚާއްޞަ ޕުރޮގުރާމުތަކާއި، އެ ތަން ޢިމާރާތްކުރުމަށް ހިނގާނެ ޚަރަދާއި، މަރުކަޒާ ގުޅޭ އިދާރީ ކަންކަން ރާވައި، ހިންގާނެ ގޮތާ ގުޅޭ ގޮތުން، މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އަދި، މި މަރުކަޒާ ގުޅޭގޮތުން ސަރުކާރުގެ އެކި ވުޒާރާތަކާއި، އިދާރާތަކުން ފުރިހަމަ ކުރަންޖެހޭ ކަންކަމަށް ވެސް މި މަޝްވަރާތަކުގައި އަލިއަޅުއްވައިލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ، ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް، ހަރުދަނާ ޒުވާނުންގެ ޖީލެއް ބިނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މުހިންމު މަޝްރޫޢެއް ކަމުގައެވެ. އަދި، މި މަރުކަޒު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމުގެ މުހިންމުކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވައިދެއްވުމަށް 2021 ފެބުރުވަރީ 4 ވަނަ ދުވަހު ބޭއްވި، އެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން މި އަހަރު ކުރުމަށް ރާވާފައިވާ ބައެއް މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާފައެވެ. މި ގޮތުން، އެ މަނިކުފާނު ވަނީ، ކަޅައިދޫގައި ބިނާކުރާ މަރުކަޒުގައި ތަޢުލީމާއި ހުނަރުގެ މުހިންމު ޕުރޮގުރާމުތަކެއް ހިންގޭނެ ކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީއާއި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދުދީދީ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.