މޮސްޓާގެ ތުހުމަތުތަކާއި ގުޅިގެން މިނިސްޓަރ އަސްލަމް ރަތަށް!

މޮސްޓާގެ ތުހުމަތުތަކާއި ގުޅިގެން މިނިސްޓަރ އަސްލަމް ރަތަށް!

Author
މުޙައްމަދު ޖިމީ
17 ފެބްރުއަރީ 2021 12:27
0

ފަރެސްމާތޮޑާ އެއަރޕޯޓް ހެދުމަށް އެ ސަރަހައްދުގައި ހުރި ރުއްތައް ވިއްކާލިކަމަށް ކުރާ ތުހުމަތާއެކު ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ކޯފާ އިސްކުރައްވާ، ތުހުމަތުކުރެއްވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝިދު ޢަބްދުﷲ (މޮސްޓާ)އަށް އިންޒާރު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޯހިޔާވަހިކަމާއި ގުޅޭގޮތުން ސުވާލު ކުރެއްވުމަށް މިނިސްޓަރ އަސްލަމް މަޖިލީހަށް ޙާޒިރުކުރައްވާފައިވަނިކޮށް މެންބަރުންނަށް ސުވާލު ކުރެއްވުމަށް ދެއްވި ފުރުޞަތުގައި މޮސްޓާ ވަނީ ފަރެސްމާތޮޑާ އެއަރޕޯޓް ހަދާ ސަރަހައްދުގައި ހުރި ރުއްތަށް ވިއްކާލާ ޕައިލެޓެއް މެދުވެރިކޮށް އެ ފައިސާ ދުބާއީއަށް ފޮނުވާފައިވޭތޯ ސުވާލުކުރައްވާފައެވެ. އަދި އޭނާ ވަނީ ރުއްތަށް ވިއްކައިގެން ލިބުނު ފައިސާ ދުބާއީއަށް ޕައިލެޓެއްލައްވާ ފޮނުވަނީ ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެފައިވަނިކޮށްކަމަށް ތުހުމަތުކުރައްވާފައެވެ.

މޮސްޓާގެ އެ ސުވާލަކީ މަޖިލީހުގެ މިއަދުގެ އެޖެންޑާގައި މިނިސްޓަރާއި ކުރުމަށް ކަނޑައަޅާފައިވާ ސުވާލާއި ގުޅޭ ސުވާލެއް ނޫންކަމށް ވިދާޅުވެ އެ ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރަށް ފުރުޞަތު ނުދެއްވުމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިންމެވިއެވެ. ނަމަވެސް އޭގެ ފަހުން އެހެން މެންބަރެއްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވަނީ މޮސްޓަގެ ތުހުމަތުތަކަށް ޖަވާބުދެއްވުމުގެ ފުރުޞަތެއް ދެއްވުމަށް ރިޔާސަތުގައި އެދިވަޑައިގެންފައެވެ. ރިޔާސަތުން އެރުވި ފުރުޞަތާއެކު މިނިސްޓަރ އަސްލަމް ވަނީ މޮސްޓާގެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

އިއްޒަތްތެރި މެމްބަރު އަޅުގަނޑާ ބެހޭ ގޮތުން ތަނެއްގައި ހުރި ރުއްތަކެއް ވިއްކާލިކަމަށް ބުނާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް، އަމިއްލަ ހިޔާލަށް ދެއްކި ވާހަކައެއް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަކީ، މިތަނުގައި އެއްވެސް ވާހަކައެއް ދައްކައިގެން ގާނޫނީ އެއްވެސް ފިޔަވަޅެއް ނޭޅޭ ތަނަކަށް ވާހިނދު، މީހުންނާ ބެހޭ ގޮތުން އަދި އަޅުގަނޑު ހާޒިރުކޮށް ހާޒިރުކޮށް "ބޭސްލެސް" ވާހަކައެއްކަމަށްވާނަމަ، އެކަން ސާފުކޮށްދޭން ޖެހޭ، އެއީ ބޭސްލެސް ވާހަކައެއްކަން.

– މޮސްޓާއަށް ރައްދުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މޮސްޓާގެ ތުހުމަތުތަކަށް ދެއްވާ ރައްދު ކުރިއަށް ގެންދަވަމުން ކޯފާ އިސްކުރައްވާ އަޑު ހަރުކޮށް އަސްލަމް ވަނީ އެ ތުހުމަތުކުރެއްވި މެންބަރާއި ގުޅޭގޮތުންވެސް ދެއްކޭނެ ވާހަކަ ހުންނާނެކަމަށެވެ. ނަމަވެސް އެކަން ކުރަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވެ މޮސްޓާއަށް އިންޒާރުކުރެއްވިއެވެ.

ދުބާއީއަށް މީހަކު ފޮނުވި ވާހަކަ، ޕައިލެޓް ފޮނުވި ވާހަކަ، އިއްޒަތްތެރި މެމްބަރާ ގުޅޭ ގޮތުން ކޮންމެފަދަ ވާހަކައެއް އަޅުގަނޑަށް ދެއްކިދާނެ. އިއްޒަތްތެރި މެމްބަރާ ގުޅޭ ގޮތުން މާލެ ތެރޭ ދެކެވޭ ވަހަކަތައް މަދެއް ނޫން. އެވަހަކަތައް މަޖިލީހުގައި ދައްކާކަށް އަޅުގަނޑު ނެތިން، އިއްޒަތްތެރި މެމްބަރު އަޅުގަނޑުމެންނާ ބެހޭ ގޮތުން އެގޮތަށް ވާހަކަ ނުދައްކަވާތި. އެގޮތަށް ވާހަކަ ނުދައްކަވާތި. އަޅުގަނޑުމެންނަކީވެސް މި މާލޭގައި ބޮޑުވެފައި ތިބި މީހުން. މާ ރީތިކޮށް މިހެން ޓައި އަޅާފައި ރީތިކޮށް ތިއްބަސް ހުތުރުު ބަހުންވެސް ވާހަކަ ދައްކަން އެނގޭ

– – ވަރަށް އަޑު ހަރުކޮށް މޮސްޓާއަށް އިންޒާރުކުރައްވަމުން އަސްލަމް ވިދާޅުވިއެވެ.

ރުއްތަކާ ގުޅޭގޮތުން ކުރެވޭ ތުހުމަތުތައް ސާފުކޮށްދެވަމުން އަސްލަމް ވަނީ ފަރެސްމާތޮޑާ އެއާޕޯޓުގެ ސަރަހައްދު ސާފު ކުރުމަށް ބަޔަކާ ހަވާލުކުރީ ޓްރާންސްޕޯޓު މިނިސްޓްރީން ކުރި އިއުލާނެއްގެ ދަށުން އާންމުކޯށް ހުޅުވާލައިގެންކަމަށާއި، އެއީ އެކަންކުރާ ބައެއްގެ އަމިއްލަ ޚަރަދުގައި ކުރުމަށް ކޮށްފައިވާ އިޢުލާނެއްކަމަށެވެ.

ކޮންޓްރެކްޓްގައި އިނީ، ނެގި ރުއްތަކާއި ގަސްތަކަކީ އެއްލާލާ އެއްޗަކަށް ނުވެ، އެހެން ތަނެއްގައި އިންދުމަށް. އެކަަމަކީ ކޮންޓްރެކްޓެއްގެ ދަށުން ހިނގައި ދިޔަ ކަމެއް.

– ޕްލޭނިން މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ގދ.ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅު ނިންމާލެވާނެ ކަމަށް އަސްލަމް ކުރިން ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.