ހިޔާ މަޝްރޫތަކުގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެންމެ ކުޑަވެގެން ދައްކަންޖެހޭނީ މަހަކު 7000 ރުފިޔާކަަމަށް ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ހިޔާ ފްލެޓްތަކަށް ފައިސާ ދެއްކުމަށް ހަތަރު ގޮތެއް ކަނޑައަޅާފައިވާކަމަަށެވެ. އެގޮތުން ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު 7000 ރުފިޔާ ދެއްކުންކަމަށާއި، އެއީ ޑައުންޕޭމަންޓަށް ފައިސާ ދެއްކުމުން އެންމެ ކުޑަކޮށް ދެއްކޭނެ ޢަދަދުކަމަށެވެ. ނަމަވެސް ފައިސާ ދެއްކުމަށް ކަނޑައަލާފައިވާ އަގުތަކާއި ގުޅޭގޮތުން އިތުރު ތަފްސީލް މިނިސްޓަރ ނުދެއްވައެވެ. ވިދާޅުވީ، އަދިވެސް އެ އަގުތައް ފައިނަލް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
ހަތަރު އޮޕްޝަނެއް އެބައިން އޭގަ. އެ އޮޕްޝަންގެ ތެރެއިން އެންމެ ކުޑަކޮށް އޮތް އޮޕަޝަންގެ ތެރޭގައި އޮންނަނީ 7000 ރުފިޔާއޭ ދައްކަން ޖެހޭނީ މަހަކު. އެއީ ޑައުންޕޭމަންޓްގެ ބައެއް ދައްކާފައި މަހުން މަހަށް 20 އަހަރުން ދައްކާކަމަށްވަންޔާ ދައްކާވަރެއް. އެއްވެސް ޑައުންޕޭމަންތެއް ނުދައްކާނަމަ ދައްކަންޖެހޭ ވަރެއްވެސް އެބައޮތް. އެކީގަ ފުލީ ޕޭކޮށްގެން ދައްކަންޖެހޭ ގޮތްތައްވެސްބަހުރި. އެހަތަރު އޮޕްޝަން އަދި ފައިނަލައިޒްކޮށްލަން އެބައޮތް.
– ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް
ހުޅުމާލެ ދެވަނަ ފިޔަހަވީގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ސަރުކާރުން މިހާރު ވަނީ އިޢުލަންކޮށްފައެވެ. ހިޔާ މަޝްރޫއުގެ ފްލެޓުގެ ޖުމުލަ ޢަދަދަކީ 7000 ނަމަވެސް ފްލެޓްތަކުގެ ގްރައުންޑް ފްލޯ، ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަސާސީ ބޭނުންތަކުގެ ވިޔަފާރިއަށް ޚާއްސަކުރުމުން އެ ޢަދަދު ވަނަ 6720އަށް ބަދަލުކޮށްފައެވެ. މިނިސްޓަރ އަސްލަމް ވަނީ ފްލެޓްތައް ދާއިމީ ލިސްޓްގައިވާ މީހުންނަށް ދޫކުރުމުގެ ކުރިންވެސް ބަލަންޖެހޭ ބައެއްކަންކަން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓިން ހައުސިން މިނިސްޓްރީއަށް ފޮނުވާފައިވާކަމށާއި، އެކަންކަން ބަލާ ކަށަވރުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހިޔާ މަޝްރޫޢުގެ ފްލެޓް ލިބޭނެކަމަށް ދާއިމީ ލިސްޓް ޢާންމުކޮށްފައިވާއިރު، ދާއިމީ ލިސްޓްގައިވެސް މއްސަލަތަކެއް އުޅޭނަމަ އެކަން ޙައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ