ކޯވިޑް-19އާއި ގުޅިގެން މާލެ ސަރަހައްދުގައި އިޢުލާންކޮށްފައިވާ ކާފިއު އިތުރު ދެހަފްތާގެ މުއްދަތަށް އިތުރުކޮށްފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ނެރެފައިވާ އެންގުމުގައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވާފައިވާއިރު އެ ފިޔަވަޅުތައް އިތުރު 14 ދުވަހުގެ މުއްދަތަކަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް ވަނީ ބުނެފައެވެ.
އެގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލެއާއި ހުޅުމާލެއާއި، ވިލިމާލޭގައި ޕާޓީތަކާ، ޙަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކުރުމާއި، ރޭ 6 އިން ފެށިގެން ހެންދުނު 6 ޖެހުމާއި ހަމައަށް މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނުކުތުން މަނާކަމަށް އެޗްޕީއޭގެ އެންގުމުގައިވެއެވެ. އަދި މާލެ، ހުޅުމާލެ، އަދި ވިލިމާލޭއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީންވާން ޖެހޭނެކަމަށާއި، ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީންވާންޖެހޭނެކަމަށްވެސް އެޗްޕީއޭއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އެފަހަރާ10 މީހުންނަށްވުރެ ގިނަ މީހުން އެއްފަހަރާ އެއްވަގުތެއްގައި ނުނިކުމެވގޮތަށްވެސް ކަނޑައަޅާފައިވެއެވެ.
މާލެ ސަރަހައްދުގައި ކާފިއު އިޢުލާންކޮށް ފިޔަވަޅުތައް ވަރުގަދަކުރިނަމަވެސް ބައެއް ފަރާތްތައް ވަނީ އިސްތިސްނާކޮށްފައެވެ. އޭގެތެރޭގައި ސިފައިންނާއި، ފުލުހުންނާއި، ޞިއްޙީ ޙިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު ހިމެނެއެވެ. އަދި އެމްބިއުލާންސާއި، ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި، ފަތިސް ނަމާދަށް މިސްކިތަށްދާ ފަރާތްތަކާއި، ބޭރަށް ނުކުތުން މަނާކޮށްފައިވާ ވަގުތަކުގައި އެމެޖެންސީކޮށް ޞިއްޙީ ޙިދުމަތް ހޯދަންޖެހޭ ފަރާތްތައް މިކަމުން އިސްތިސްނާވާނެކަމަށް އެޗްޕީއޭގެ އެންގުމުގައިވެއެވެ.
ކޯވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، އެޗް.ޕީ.އޭއިން ނެރުނު އެންގުމުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ޚާއްސަ ހާލަތްތަކުގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދި މި ފިޔަވަޅުތައް ތަންފީޒުކުރުމުގައި ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންކަމަށް އެ އެޖެންސީން ބުނެފައިވެއެވެ. މި ފިޔަވަޅުތައް ތަންފީޒުކޮށް ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހާ އިދާރާތަކަށާއި ފަރާތްތަކަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެގޮތުން މޮންމެ ދުވަހަކުވެސް 100 ވުރެ ގިނަމީހުން ޕޮޒިޓިވްވެއެވެ.
ކޮމެންޓު ފޮނުވާ