ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ފުރުވާލުމަކީ ރައްޔިތުންގެ މަޖިލީހުން ވާގިވެރިވެގެން ހިންގި ބޮޑު ޖަރީމާއެއްކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށް އޭނަ ފުރުވާލުމުގައި ސަރުކާރުގެ ދައުރެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އިއްޔެގެ ޖަލްސާގައި ވިދާލުވުމާއި ގުޅިގެންނެވެ.
އެއަށް ރައްދު ދެއްވަމުން ހައިލަމް ވަނީ ޢަލީ ވަޙީދު ފުރުވައިލުމުގައި އޮތީ އެއަރލައިންގެ ދައުރުތޯ ސުވާލު ކުރައްވާފައެވެ. ހައިލަމް ވިދާޅުވީ، ރައްޔިތުންނަށް ޑްރާމާ ދެއްކުމުގެ ގޮތުން ޕީޖީ މަޖިލިހަށް ޙާޟިރުކޮށް، ފަނޑިޔާރު ޖޭއެސްސީއަށް ޙާޟިރުކުރިޔަސް، ޢަލީ ވަޙީދު ފުރުވާލުމަކީ ރައްޔިތުންގެ މަޖިލީހުން ވާގިވެރިވެގެން ހިންގި ބޮޑު ޖަރީމާއެއްކަމަށެވެ.
ފުރުވައިލުމުގައި އޮތީ އެއަރލައިންގެ ދައުރުތޯ؟ ރައްޔިތުންނަށް ޑްރާމާ ދެއްކުމުގެ ގޮތުން ޕީޖީ މަޖިލިހަށް ޙާޟިރުކޮށް، ފަނޑިޔާރު ޖޭއެސްސީއަށް ޙާޟިރުކުރިޔަސް، ޢަލީ ވަޙީދު ފުރުވާލުމަކީ ތިޔަ މަޖިލިހުން ވާގިވެރިވެގެން ހިންގި ބޮޑު ޖަރީމާއެއް.
– ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ހައިލަމް
ޢަލީ ވަޙީދު ފުރުވާލި މައްސަލާގައި ޕީޖީ ޖުޑީޝާރީ ކޮމިޓީއަށް ޙާޒިރުކުރުމަށް ނިންމާފައިވާއިރު، ޢަލީ ވަހީދުގެ ޕާސްޓްޕޯޓޤ ދޫކޮށްލުމަށް ޢަމުރު ކުރި ކްރިމިނަލް ކޯޓުގެ ޤާޟީ ޙަސަން ސަޢީދުގެ މައްސަލަ ޖޭއެސްސީން ބަލަން ވަނީ ނިންމާފައެވެ.
ޢަލީ ވަޙީދު ފުރުވާލި މައްސަލައަށް އިޝާރާތްކުރައްވާ އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ޣަފޫރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އެނގިވަޑައިގެން އެފަދަ ކަމެއް ސަރުކާރުން ނުކުރައްވާނެކަމަށެވެ. އަދި އަލީ ވަހީދު ފުރުވާލުމުގައި ސަރުކާރުގެ ބައިވެރިވުން އޮތް ކަމަށް ދެކެވެނީ ދޮގު ވާހަކަތަކެއް ކަމަށް ވެސް ޣަފޫރު ވިދާޅުވިއެެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޢަލީ ވަޙީދުގެ ޕާސްޓްޕޯޓް ހިފަހައްޓާފައ އޮތުމަށްފަހު ދޫކޮށްލުމުން އޭނާ ވަނީ އިނގިރޭސި ވިލާތަށް ވަޑައިގެންފައެވެ. އޭނާ ރާއްޖެ ދޫކުރާ ވަޑައިގެންނެވި އިރު މި މައްސަލާގައި އޭނާގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ.
ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް:
1. ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ.
2. ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
3. ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ.
4. ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ.
5. ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
6. ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނާގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައި ވާއިރު މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލާގެ ތަހުޤީގަށް ސުވާލުކުރުމަށް ޢަލީ ވަހީދުވެސް ވަނީ ފުލުހުންގެ ޢިދާރާއަށް ހާޒިރުކޮށްފައެވެ. މީގެ އިތުރުން މިމައްސަލައާއި ގުޅޭ އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ.
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ވަޒީރުކަމުން އިސްތިއުފާދެއްވުމަށް ޢަލީ ވަޙީދު އެންގެވިއެވެ. އެހެންނަމަވެސް ޢަލީ ވަޙީދު މަޤާމުން އިސްތިއުފާނުދެއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޓްއަރިޒަމް މިނިސްޓްރީގެ ވަޒީރުކަމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 9 ވަނަދުވަހު އޭނާ ވަކިކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ