ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ނުދޭނަމަ، ޝަރުތުތަކަށް ބޯނުލަބާނަން: އިރާން

ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ނުދޭނަމަ، ޝަރުތުތަކަށް ބޯނުލަބާނަން: އިރާން

Author
ހުސެއިން
16 ފެބްރުއަރީ 2021 06:21
0

އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ނުދީފިނަމަ، 2015 ވަނަ އަހަރު އެކުލާވަލެވިފައިވާ ނިއުކުލިއަރ އެއްބަސްވުމުދަށުން އެގައުމުން އަމަލުކުރަންޖެހޭ ޝަރުތަކަށް އަމަލު ނުކުރާނެކަމުގެ އިންޒާރު އިރާނުން ދީފިއެވެ.

"ގާނޫނުތަކަށް ބޯލެބުން ނޫން ގޮތެއް އަހަރުމެންނަކަަށް ނޯންނާނެ. އޭގެ މާނައަކީ ހުރިހާ އިންޕެކްޝަންތަކެއް ހުއްޓުވާލުމެއް ނޫން،" އިރާނުގެ ނިއުކުލިއަރ ހަކަތައާއި ބެހޭ ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް އެގައުމުން ފާސްކޮށްފައިވާ ގާނޫނަކަށް އިޝާރާތް ކުރައްވާ، އިރާނުގެ ފޮރިންގ މިނިސްޓްރީގެ ތަރުޖަމާން ސައީދު ޚަތީބުޒާދޭ ވިދާޅުވެފައި ވެއެވެ.

އިރާނުން ފާސްކޮށްފައިވާ ގާނުނެއްގައި ވާގޮތުން، ޔޫއެންގެ ނިއުކުލިއަރ ހަކަތައާބެހޭ އޭޖެންސީއަށް އިރާނުގެ ނިއުކުލިއަރ ސައިޓުތައް އިންސްޕެކްޓްކުރުމަށް ލިބިދީފަ އޮތް އިޚްތިޔާރުތައް ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ނިމުމަކަށް ގެންނަން ޖެހެއެވެ. އަދި މި ތާރީޚަށްފަހު، ޔޫއެންގެ އޭޖެންސީއަށް ފުރުސަތު ލިބިގެންދާނީ ކުރިން ވާހަކަ ދެކެވިގެން ދެފަރާތަށް އެއްބަސް ވެވޭ ސައިޓްތަކަށް އެކަންޏެވެ.

އިރާނުގެ ފޮރިންގ މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވި ގޮތުގައި، މިގޮތުން އަޅާ ފިޔަވަޅުތަކަކީ، 2015 ވަނަ އަހަރު ވެފައިވާ އިރާނުގެ ނިއުކްލިއަރ ހަކަތައާބެހޭ އެއްބަސްވުމުގައި ހިމެނޭ ހުރިހާ ފަރާތަކުންވެސް އެއެއްބަސްވުމާ އެއްގޮތަށް އަމަލު ކުރަން ފަށައިފިނަމަ އަލުން އިއާދަކުރެވޭނޭ ފިޔަވަޅުތަކެވެ.

ވިއެނާގައި ހުންނަ އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (IAEA) އިން މިހަފްތާގެ ބުދަ ދުވަހު ބުނެފައިވަނީ، އެ އޭޖެންސީންވަނީ، އިރާނުން 3.6 ގްރާމްގެ ޔޫރޭނިއަމް، އިރާނުގެ ޕްލާންޓެއްގައި ފައްކާ ކޮށްފައިވާކަން ވޭރިފައި ކޮށްފައި ކަމުގައެވެ.

2015 ވަނަ އަހަރު، އެމެރިކާ، ޗައިނާ، ރަޝިއާ، ޖާމަނީ، ފްރާންސް، އިގިރޭސިވިލާތާއެކު އިރާނުން ސޮއިކޮށްފައިވާ މުއާހަދާގައި ވާގޮތުން، 15 އަހަރު ވަންދެން އިރާނުން ޕްލޫޓޯނިއަމް ނުވަތަ ޔޫރޭނިއަމް މެޓަލްސްއާއި، އެއާއި ގުޅުންހުރި އިތުރު މައުދަންތައްވެސް ހޯދުމަކީ މަނާ ކަމެކެވެ.

ފާއިތުވެދިޔަ މަހު، އިރާނުން ބުނެފައިވަނީ، އެގައުމުން ދަނީ ޔޫރޭނިއަމް މެޓަލް އުފެއްދުމާ ގުޅޭ ދިރާސާތައް ހަދަމުންކަމުގައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، އިރާނުން ޔޫރޭނިއަމް މެޓަލް އުފެއްދުން ވެގެންދާނީ ވަރަށް ސީރިއަސް މައްސަލައަކަށެވެ. ސަބަބަކީ، ޔޫރޭނިއަމް މެޓަލްއަކީ، ނިއުކުލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ މައުދަނަކަމަށް ވާތީއެވެ.

އިރާނުން، ނިއުކްލިއަރ ޕްރޮގްރާމްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް ގެންދަން ފެށުމާ ގުޅޭގޮތުން، ރަޝިއާގެ ޑެޕިއުޓީ ފޮރިންގ މިނިސްޓަރ ސާގައި ރިޔަބްކޯވް ވިދާޅުވި ގޮތުގައި، މިހާރު އިރާނުން އަމަލްކުރަމުންދާ ގޮތުން، ދޭހަކޮށްދެނީ، “މިހާރުގެ ހާލަތަށް ރިއާަތް ކުރުމުގެ އެއްވެސް ވިސްނުމެއް އިރާނުގެ ކިބައިގާ ނެތުން،”ކަން ކަމުގައެވެ. އިރާނުން ދާދިފަހުން ބުނެފައިވަނީ، އަލަށް ހުވާކުރެއްވި، އެމެރިކާގެ ރައީސަށް، ނިއުކުލިއަރ އެއްބަސްވުމަށް އަލުން އިއާދަވުމަށް އޮތް މުހުލަތުން ހަމަވަމުންދާ ކަމުގައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އިރާނާއެކު ބޮޑެތި ބާރުތަކުން ވެފައިވާ ނިއުކްލިއަރ އެއްބަސްވުން އެގައުމުން އުވާލާފައެވެ. އަދި މިހާތަނަށް އިރާނަށް އަޅާފައިވާ އެންމެ ހަރުކަށި އިގްތިސާދީ ފިޔަވަޅުތައް އެގައުމާ ދެކޮޅަށް އަޅާފައެވެ.

އެހެންނަމަވެސް، އެމެރިކާގެ މިހާރުގެ ރައީސް ޖޯބައިޑްން ގެންދަވަނީ، މިއެއްބަސްވުން އަލުން އިއާދަކުރެވޭ ގޮތްތަކެއް ހޯއްދަވަމުންނެވެ. އެހެންނަމަވެސް، ކުރިން އެއްބަސްވުމަށް އުޖޫޢުވާނޭ ފަރާތަކާމެދު އެއްބަސް ނުވެވިގެން ދެގައުމުވެސް ވަނީ މި މަައްސާލާގައި މަރު ތަޅެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.