އުތީމު ކައުންސިލް ރައީސް ސަސްޕެންޑްކުރި މައްސަލަ މަޖިލީހަށް

އުތީމު ކައުންސިލް ރައީސް ސަސްޕެންޑްކުރި މައްސަލަ މަޖިލީހަށް

Author
މުޙައްމަދު ޝަޒައިމް
15 ފެބްރުއަރީ 2021 05:40
0

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ސަސްޕެންޑު ކުރިތާ 3 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މިމައްސަލައަށް އެލްޖީއޭއިން ގޮތެއް ނިންމާފައި ނުވާތީ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެލްޖީއޭއިން ޢަބްދުﷲ ރަޝީދަށް ފޮނުވި ސިޓީއެއްގައިވަނީ އޭނާ ސަސްޕެންޑްކޮށްފައިވަނީ އޭނާއާއި ގުޅޭގޮތުން އެއޮތޯރިޓީއަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެންކަމަށެވެ. އެލްޖީއޭއިން ބުނެފައިވަނީ ޢަބްދުﷲ ރަޝީދާއި ގުޅޭ 11 މައްސަލައެއް ހުށައަޅާފައިވާކަމަށެވެ.

ޢަބްދުﷲ ރަޝީދު ސަސްޕެންޑު ކުރި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ދެޕިއުޓީ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި އާދަމް ޝަރީފް ފޮނުއްވާފައިވާ ސިޓީއެއްގައިވަނީ، މިހާތަނަށް އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދުގެ ފަރާތުން އެލްޖީއޭއަށް ފޮނުއްވާފައިވާ ދެ ސިޓީއަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އަބްދުﷲ ރަޝީދުގެ އިތުރުން ކައުންސިލްގައި މިހާރު ހުންނެވީ އެންމެ ކައުންސިލަރަކު ކަމަށާއި އެ ގޮތަށް ވުމަކީ ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކެނޑިގެން ދާނެ ކަމެއް ކަމަށް ސިޓީގައިވެއެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ބަލައިދެއްވުމަށް އާދަމް ޝަރީފް އެދިވަޑައިގެންފައިވެއެވެ.

އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސަސްޕެންޝަންގައި ހުންނެވި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިއިރު، މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ހަމަވެގެން ގާނޫނު އަސާސީއަށް އިސްލާހު ގެނެސް އާ ކައުންސިލަރުން އިންތިޚާބު ކުރެވެން ދެން ދައުރު ދިގުކޮށްފައިވެއެވެ. މި މުއްދަތުގައި އަމަލު ކުރާނެ ޚާއްސަ ވަގުތީ ގާނޫނެއް ފާސްކޮށް އެ ގާނޫނުގައި ކައުންސިލަރުންގެ ބާރުތައް ކުޑަކޮށް އެލްޖީއޭއަށް ބޮޑެތި ބާރުތަކެއް ދެވިފައިވެއެވެ.

އަބްދުﷲ ރަޝީދާއި ގުޅިގެން ބަލާ 11 މައްސަލައިގެ ތެރޭގައި ހިމެނީ:
– ކޭބަލް ޓީވީ ޚިދުމަތްދިނުމާ ގުޅޭ މަޢުލޫމާތު ޝީޓުގައި ފަސް އަހަރަށް ކުއްޔަށް ދިނުމަށް ޖެހުމަށްފަހު 10 އަހަރަށް އެގްރިމަންޓުކުރުން.
– ޖެނުއަރީ 2020 އިން ފެށިގެން އޮކްޓޯބަރު 2020 ގެ ނިޔަލަށް ކޭބަލް ޓީވީ އޮޕަރޭޓް ކުރާ ފަރާތުން ކުލި ދައްކާފައި ނުވާއިރު އެކަމާ ގުޅިގެން ރަސްމީކޮށް އެއްވެސް އެންގުމެއް މިހާތަނަށް އަންގާފައިނުވުން.
– ކޭބަލްޓީވީ ހިދުމަތް ދޭ ފަރާތުން ގަންނަން ޖެހޭ ޑިކޯޑަރު ގަތުމަށް ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްފައިވުން
– ރަށް ކުނި ކަހާ ސާފުކުރުމަށް ކޮންޓްރެކްޓް އުސޫލުން 4 މީހުން ނެގިއިރު އެކަމަށް އެދި ހުށަހެޅި މީހުންނާ އިންޓަވިއުކޮށްފައި ނުވުން.
– މަސައްކަތު މީހެއް މަގާމުން ވަކިވުމުން އެމަގާމަށް އިޢުލާންކުރުމަށް ފަހު ކައުންސިލަރު ބޭނުން މީހަކު މަޤާމަށް ނެގުން.
– ކައުންސިލަށް ހޯދާ ތަކެތި ގަތުމަށް ބިޒްޓްރެކްސް އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުން އެތަކެތި އެކި ފަހަރުމަތިން ހޯދާފައިވުމާއި، އިތުރަށް ހޯދަން ޖެހޭ ދެ ކޯޓޭޝަން ވެސް އެކުންފުނިން ހޯދާފައިވުން.
– ވައްކަމުގެ މައްސަލައެއްގައި ސިވިލް ސާވިސް ވަޒީފާއިން ވަކިކޮށްފައިވާ މީހަކު އުތީމު އިމާމުންގެ ޕޫލަށް ވޭޖް އެމްޕްލޮއިމަންޓުގެ ދަށުންނެގުން.
– ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގަ މާލިއްޔަތު ޤަވާއިދުގައި ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަކޮށްފައިނުވުން.
– ކައުންސިލަށް ލިބޭ ފައިސާގެ އެހީތަކުގެ ރިކޯޑު ބަލަހައްޓާފައިނެތުން.
– ކައުންސިލް އޮފީސް ގޯތީގައި ހުރި ނިކަގަސް ކެނޑުމުގައި އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވުން.

މިމައްސަލާގައި އެލްޖީއޭއިން އެހާ ގިނަ ދުވަސްތަކެއްވާއިރުވެސް ގޮތެއް ނުނިންމަތީ އެދާއިރާގެ ގިނަ ރައްޔިތުންވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.