އިދިކޮޅު ޕީޕީއެމްއިން މާލޭގައި ސިލްސިލާކޮަށް ކުރިއަށް ގެންދާ ހަރަކާތްތަކަކީ މުޒާހަރާއެއް ނޫންކަމަށާއި، އެއީ ލާހޫރުންކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް ނަޝީދު ދެއްކެވި ވާހަތަކަށް މާލެ ސިޓީ ކައުންސިލް މޭޔަރުގެ މަޤާމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ރައްދު ދެއްވައިފިއެވެ.
އަލްހާން ވަނީ ރައީސް ނަޝީދުވެރި ވެރިކަން 7 ފެބްރުއަރީ 2012 ވަނަ ދުވަހު ނިމިގެންދިޔަ ގޮތަށް އަމިއްލަފުޅަށް ބައްލަވައި ލެއްވުން މާ ރަނގަޅުވާނެކަމަށް ވިދާޅުވެފައެވެ. އެދުވަހާއި ޖެހެދެންވެސް ރައީސް ނަޝީދު ވިދާޅުވަމުންދިޔައީ އިދިކޮޅުން މަގުތަކުގައި ކުރަނީ މުޒާހަރާ ނޫންކަމަށެވެ. އަދި އެއީ މަދު ބަޔަކު ނިކުމެ ކުރާ ބޭކާރު ކަމެއްކަމަށް އެދުވަހުވެސް ރައީސް ނަޝީދު ވިދާޅުވިކަމަށެވެ. ނަމަވެސް އާޚިދުރުގައި ނިމިގެންދިޔަ އިރު ވެރިކަންވެސް ނެތްކަމަށް އަލްހާން ވިދާޅުވިއެވެ.
އަޅުގަނޑު ލައްކަ ރަނގަޅަށް ހަނދާން އެބަހުރި! 7 ފެބްރުއަރީ ގައިވެސް މަނިކުފާނު ތިޔަ ބީދައިން ބަސްފުޅު ވިދާޅުވި! ލާހޫރި ނިމުނުއިރު މަނިކުފާނެއްވެސް ނެތް!
– އަލްހާން ވިދާޅުވިއެވެ.
ރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ކުރަނީ މުޒާހަރާކަމަށް ބުނެ އިދިކޮޅުގެ ހަރަކާތުން ފެންނަނީ އެންމެ ހައެއްކަ މީހުންކަމަށާއި، އެއީ މުޒާހަރާއަކަށްނުވެ ލާހޫރުންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވި، މަގުތަކަށް ނުކުމެ ހިންގާ ހަރަކާތުން ފުލުހުންނަށް އަނިޔާވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.
މަގުމަތީގައި ހައެއްކަ މީހުން އެބަ ލާހޫރޭ. މި ބުނަނީ މުޒާހިރާއޭ. މުޒާހިރާއަކަށްވެސް ނުވެސްވޭ. އަދި ހަގީގަތުގައި އެކައްޗަކަށް ވެސްނުވޭ. ހައެއްކަ މީހުން މަގުމައްޗަށް ނިކުމެ ލާހޫރުން އެއީ އަޅުގަނޑުމެން ނުދެކެން އެއްވެސް ހާލެއްގައި މުޒާހަރާއެއް ކަމަކަށް.
– އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު
ރައީސް ނަޝިދު ވިދާޅުވީ، އިދިކޮޅުގެ ހަރަކާތަށް އެއްވެސް ތާޢީދެއް ނެތްކަމަށާއި، ރައްޔިތުން ތިބީ އެމްޑީޕީއާއެކު ކުރިއަށްދާންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އެމްޑީޕީއަކީ ކޮންބައެއްކަން ނޯޅޭނެކަމަށެވެ. އެމްޑީޕީއަކީ ރާއްޖޭގެ ރައްޔިތުން ބޭނުންވި ތަރައްޤީއާއި ކުރިއެރުން ގެނުވި ޕާޓީކަމާއި، މީގެ ކުރިން އެމްޑީޕީން ވެރިކަމުގައި އޮތް އިރުވެސް ރައްޔިތުން ބޭނުންވި އެތައްކަމެއް ހާސިލް ކޮށްދެއްވާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ