އިޤްތިޞާދު ނުރައްކަލަށް ވެއްޓުނުއިރު، ސިޔާސީ މަޤާމުތަކާއި މުސާރަތައްވަނީ ބޮޑު: ސައީދު

އިޤްތިޞާދު ނުރައްކަލަށް ވެއްޓުނުއިރު، ސިޔާސީ މަޤާމުތަކާއި މުސާރަތައްވަނީ ބޮޑު: ސައީދު

Author
މުޙައްމަދު ޝަޒައިމް
15 ފެބްރުއަރީ 2021 04:43
0

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ނުރައްކަލަށް ވެއްޓި ޤައުމު ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާ މިހާލަތުގައި ފެނިގެންދަނީ ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް މަންޒަރުކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން އެތައް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސް ޤައުމުގެ އިޤްތިޞާދު ނިކަމެތިވެފައިވާ ހާލަތުގައި އިތުރު ސިޔާސީ މަޤާމުތަކާއި، މުސާރަތައް އިންތިހާއަށް ބޮޑުކުރަމުންދާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ސައީދު ވިދާޅުވީ ފެނިގެދަނީ ސަރުކާރުން ރައްޔިތުންނަށް އެއްވެސް މިންވަރަކަށް ނުވިސްނާތަންކަމަށެވެ.

ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، އާންމު ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ މަދުވެ، އެތައް ބައެއްގެ ވަޒީފާ ގެއްލި ދިރިއުޅުން އަމިއްލަ ރަށަށް ބަދަލު ކުރަން ޖެހިފައިވާ މިހާލަތުގައިވެސް ސަރުކާރުން ދަނީ އެއްވެސް ހާސްކަމެއްނެތި މަޤާމުތައް އުފައްދައި، ބޮޑެތި މުސާރަތައް ކަނޑައަޅަމުން ކަމުގައި ސައީދު ވިދާޅުވިއެވެ. މިކަމުން ދޭހަވަނީ ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް މިންވަރު ކަމަށާއި މިއީ ރައްޔިތުންނަށްވާ ވަރަށްބޮޑު ބޭއިންސާފެއްކަމަށް ސައީދު ވިދާޅުވިއެވެ.

ކޯވިޑާއިއެކު ޤައުމުގެ އިޤްތިޞާދު ނުރައްކަލަށް، ބޮޑެތި މުސާރަތަކާއިއެކު ސިޔާސީ މަޤާމުތައް މައްޗަށް. ރައްޔިތުންގެ އަސާސީ މުދާ އަގު ކޮންޓްރޯލްނުވެ މައްޗަށް. މިއީ ކޮންކަހަލަ ހެޔޮ ވެރިކަމެއްތޯ؟

– ސައީދު ވިދާޅުވިއެވެ.

ސައީދު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮމްބަޑްސްޕާސަންއާއި އޮމްބަޑްސްޕާސަންގެ އޮފީހުގެ ވެރިންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުއްވުމާއި ގުޅިގެންނެވެ. ޗީފް އޮމްބަޑްސްޕާސަންއަށް މުސާރައިގެ ގޮތުގައި މަހަަކު 25،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 12،500 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި އޮމްބަޑްސްޕާސަންއަށް މުސާރައިގެ ގޮތުގައި މަހަކު 25،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 8،500 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

އިޤްތިޞާދީ ގޮތުން ދަތި ހާލަތުގައި ސަރުކާރުން މިދައްކާ ނަމޫނާއަކީ ރައްޔިތުންނަކީ އެއްވެސް އަގެއް ނެތް، ބައެއްކަން ކަމުގައި ސައީދު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކަމުން މިސަރުކާރަކީ ރައްޔިތުންނާއިމެދު އެއްވެސް ވަރަކަށް އިހުލާސްތެރިކަމެއް ނެތް ސަރުކާރެއްކަން ހާމަވާ ކަމެއްކަމަށް ސައީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.