ޤައުމީ ޚިދުމަތުގައި އެކި ދާއިރާތަކުން އަންހެނުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމަށް ދޭ އެވޯޑްގެ “ރެހެންދި އެވޯޑް 2021″އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީން ވިދާޅުވީ "ރެހެންދި އެވޯޑު" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 09 މާރިޗު ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް މުއްދަތު އިތުރުކުރެވިފައިވާކަމަށެވެ.
ރެހެންދި އެވޯޑަކީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން 2014 ވަނަ އަހަރު ދޭންފެށި އެވޯޑެކެވެ. ރެހެންދި އެވޯޑް ޚާއްސަ ކުރަނީ ޤައުމީ ތަރައްޤީއާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދަކުރާ ދައުރު އަދި މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށެވެ. މި އެވޯޑް ވަކިވަކި ފަރުދުންނާއި މުޢައްސަސާއާއި ޖަމުޢިއްޔާތަކަށްވެސް ދަނީ ދެމުންނެވެ.
މި އެވޯޑުގެ މަޤްޞަދަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު އަދި މުޖުތަމަޢުގައި އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ޤައުމީ ފެންވަރުގައި ވަޒަންކުރުމެވެ.
އެވޯޑަށް މި އަހަރު ކުރިމަތިލެވޭނެ ދާއިރާތަކަކީ:
- ހަމައެކަނި އަންހެނުންނަށް އެވޯޑަށް ކުރިމަތިލެވޭ ދާއިރާ
- ވަޒީފާ ދޭ ފަރާތްތައް/ މުއައްސަސާތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދާއިރާ
- ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާ
- ޢާންމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންނަށް އެވޯޑަށް ހުށަހެޅޭ ދާއިރާ
މިއަހަރުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށައެޅުމުގެ ފުރުޞަތާއި އެހެން ފަރާތަކުން ނަން ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެވޯޑާ ގުޅޭ އެންމެހާ މާޢުލޫމާތާއި ޝަރުތުތައް އަދި އެވޯޑަށް އެދި ހުށައަޅާ ފޯމް ޖެންޑަރ މިނިސްޓްރީގެ ވެބްސައިޓްއިން ޑައުންލޯޑްކުރެވޭނެއެވެ. އަދި މިނިސްޓްރީގެ އޮފީހާއި އަތޮޅުތަކުގައި ހުރި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުންވެސް ލިބެން ހުންނާނެއެވެ.
އެޕްލިކޭޝަންތައް އޮންލައިންކޮށް އަދި މިނިސްޓްރީއާއި ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން ބަލައިގަންނާއެވެ. އެޕްލިކޭޝަން ބަލައިގަންނާނީ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށެވެ. ކޯވިޑް19ގެ ޙާލަތާއެކުވެސް، މިދިޔަ އަހަރު ރެހެންދި އެވޯޑް ދީފައިވެއެވެ. އެގޮތުން މިދިޔައަހަރު 7 ބޭފުޅަކަށް ރެހެންދި އެވޯޑް ލިބިވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ