ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ޤަރާރު މަޖިލީހަށް ބަލައިގަނެފިއެވެ.
ގަރާރު މަޖިލީހަށް ބަލައިގަންނަން ފާސްކުރީ މަޖިލީހުގެ ވޯޓުގައި ބައިވެރިވި 37 މެމްބަރުންގެ ތެރެއިން 34 މެމްބަރުންގެ ވޯޓާއިއެވެ. ގަރާރު މަޖިލީހަށް ބަލައިގަތުމާއި އެކު ގަރާރު ދިރާސާކުރުމަށް އިޖުތިމާޢީ ކޮމިޓީ އަށް ވަނީ ފޮނުވާފައެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށައަޅުއްވާފައިވާ ޤަރާރަށް ބަހުސް ކުރެވުނު އިރު ގިނަ ބައެއްގެ ފާޑުކިޔުން މިޤަރާރަށް ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް އިޤްތިޞާދީ ގޮތުން މިހާ ދަތި ހާލަތެއްގައި ރައްޔިތުން ތިއްބައި މަޖާކުރާނެ ޖަގަހަ ހެދުމުގެ ބަދަލުގައި ރައްޔިތުންގެ ބޯހިޔާވަހިކަމާއި، ވަޒީފެ ފުރުސަތު ތަނަވަސް ކުރުމަކީ މާ މުހިންމު ކަމެއްކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
ޙަސަން ލަޠީފް ހުށައަޅުއްވާފައިވާ މި ގަރާރުގައި ވަނީ، ޒަމާނުއްސުރެ މާލެއަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކަކީ އެމައްސަލަތަކުން މުޅީން އަރައިގަތުމަށް އިންތިހާއަށް ދަތިވެފައިވާ މައްސަލަތަކެއްކަމަށެވެ. މާލޭގައި މިއޮތް ތޮއްޖެހުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، މަގުތަކުގެ ކާރޫބާރު ބޮޑުކަމާއި، ވަޒީފާގެ ފުރުޞަތުތަކުގެ މަދުކަމުގެ މައްސަލަތަކެއްކަމަށާއި، ހާސްކަމެއްގެ ތެރޭގައި އުޅޭންޖެހިފައި ވާކަމަށްވެސް ގަރާރުގައިވެއެވެ.
މާލޭގެ މިހުރިހާ ކަމެއް މިމޭރުމުން ހިނގަމުންދާއިރުވެސް، އަދި ސަރުކާރުން މިއެންމެހައި ކަންކަމަށް ގޮތްތަކެއް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނައިރުވެސް، ހާސްކަމުގެ ތެރޭގައި މިމާލޭގައި އުޅެންޖެހިފައިވާ ޒުވާނުންނަށް ހާސްކަމުން އެކަހެރިވެލެވޭނޭ ގޮތްތަކެއް ހޯދަންޖެހިފައިވާކަމަށާއި، ޒުވާނުންނަށް މާލޭގައި އެއްވެ އުޅެވޭނޭ އެފަދަ ޚާއްޞަ ތަންތަނަށް އިންތިހާއަށް ބޭނުންވެފައިވާކަމަށްވެސް ޤަރާރުގައިވެއެވެ.
ޒުވާނުންނަށް ރައްޓެހިންނާއި އެކުވެރީންނާއެކު ހިނ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއްގައި މިޔުޒިކް އަޑުއަހާލައި ވަގުތު ހޭދަކޮށްލެވޭނޭ މަރުކަޒަކަށް މިވަނީ އިންތިހާއަށް ބޭނުންވެފައެވެ. ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހަލާން ޒުވާނުންނަށް އެއްވެ އުޅެވޭނޭ ތަނެއްގެ މުހިއްމުކަން އިތުރުވެފައިވީ ހިނދު ދިވެހި ޒުވާނުންގެ ތެރޭގައި އާދަޔާޚިލާފު ކުޅަދާނަ ފަންނާނުން އެބަތިއްބެވެ. އަދި މިއުޒިކްގެ ހުނަރު ދަސްކުރާން ބޭނުން އެތައް ޒުވާނުންނެއްވެސް އެބަތިއްބެވެ.
ހެންކަމުން، މިއުޒިކް ރެކޯޑިންގް ސްޓޫޑިޔޯއާއި ބޭންޑް ޕްރެކްޓިސް ރޫމް ފަދަ ވަސީލަތްތައް އެމަރުކަޒުގައި ހުންނާން ޖެހޭކަމަށް ބުނެފައިވެއެވެ. ރަނގަޅު އަދަދެއްގެ އޯޑިއެންސްއަކަށް ޝޯ ދެވޭނެ އިންތިޒާމް އެމަރުކަޒުގައި ހަމަޖެހުން މުހިއްމުކަމަށާއި، ޒުވާނުންގެ ހުނަރު އާލާކޮށް، އިތުރަށް ކުރިއެރުވުމުގައި ދައުލަތުގެ ޒިންމާ ބޮޑުކަމަށްވެސް ޙަސަން ލަތީފްގެ ގަރާރުގައިވެއެވެ. އަދި ޒުވާނުންގެ އެ އާދަޔާޚިލާފު ހުނަރު ބޭނުންކުރުމުގެ ފުރުޞަތު ހޯދައިދިނުމަކީ ދައުލަތުގެ މަސްޢޫލިއްޔަތެއް ކަމުގައިވެސް އެ ޤަރާރުގައިވެއެވެ.
ކޮމެންޓު ފޮނުވާ