ޑިކްޓޭޓަރުންނަށް މުޡާހަރާކުރުން ޙަޖަމް ނުވުމަކީ ޠަބީޢީ ކަމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަތަކަށް ކުރީގެ އުއްތމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ރައްދު ދެއްވައިފިއެވެ.
އިދިކޮޅު އެމްޑީޕީން މާލޭގައި ސިލްސިލާކޮަށް ކުރިއަށް ގެންދާ ހަރަކާތްތަކަކީ މުޒާހަރާއެއް ނޫންކަމަށާއި، އެއީ ލާހޫރުންކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ވެރިކަމަކީ ރައްޔިތުންގެ ވޯޓުން އިންތިޚާބުވެގެން ހަވާލުވާ އެއްޗެއްކަމަށެވެ. ރައްޔިތުން ހަވާލުކުރި ކޮންޓްރެކްޓާއި ޚިލާފުވުމުން އެ ވެރިކަމަކާއި ދެކޮޅަށް ރައްޔިތުން ނިކުތުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކުރާ ކަމެއްކަމަށާއި، އެކަމާއި ދެކޮޅު ހަދާނީ ހުދުމުހުތާރު ވެރިކަމުގެ ސިފަ އަށަގަނުވަން މަަސައްކަތް ވެރިންކަމަށް ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.
ޑިކްޓޭޓަރުންނަށް މުޡާހަރާކުރުން ޙަޖަމް ނުވުމަކީ ޠަބީޢީ ކަމެއް. ސޯޝަލް ކޮންޓްރެކްޓެއްގެ ދަށުން ވެރިކަން ޙަވާލުކުރަނީ ރައްޔިތުން، އެ ކޮންޓްރެކްޓާ ޚިލާފުވާ ޑިކްޓޭޓަރުންގެ ވެރިކަން ދެމި އޮވެދާނެކަމަށް ތާރީޚާއި ޖިއޮގްރަފީ ދަންނަ ބަޔަކު ޤަބޫލުނުކުރާނެ!
– ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަަމުން އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުރަނީ މުޒާހަރާކަމަށް ބުނެ އިދިކޮޅުގެ ހަރަކާތުން ފެންނަނީ އެންމެ ހައެއްކަ މީހުންކަމަށާއި، އެއީ މުޒާހަރާއަކަށްނުވެ ލާހޫރުންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވި، މަގުތަކަށް ނުކުމެ ހިންގާ ހަރަކާތުން ފުލުހުންނަށް އަނިޔާވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.
މަގުމަތީގައި ހައެއްކަ މީހުން އެބަ ލާހޫރޭ. މި ބުނަނީ މުޒާހިރާއޭ. މުޒާހިރާއަކަށްވެސް ނުވެސްވޭ. އަދި ހަގީގަތުގައި އެކައްޗަކަށް ވެސްނުވޭ. ހައެއްކަ މީހުން މަގުމައްޗަށް ނިކުމެ ލާހޫރުން އެއީ އަޅުގަނޑުމެން ނުދެކެން އެއްވެސް ހާލެއްގައި މުޒާހަރާއެއް ކަމަކަށް.
– އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު
ރައީސް ނަޝިދު ވިދާޅުވީ، އިދިކޮޅުގެ ހަރަކާތަށް އެއްވެސް ތާޢީދެއް ނެތްކަމަށާއި، ރައްޔިތުން ތިބީ އެމްޑީޕީއާއެކު ކުރިއަށްދާންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އެމްޑީޕީއަކީ ކޮންބައެއްކަން ނޯޅޭނެކަމަށެވެ. އެމްޑީޕީއަކީ ރާއްޖޭގެ ރައްޔިތުން ބޭނުންވި ތަރައްޤީއާއި ކުރިއެރުން ގެނުވި ޕާޓީކަމާއި، މީގެ ކުރިން އެމްޑީޕީން ވެރިކަމުގައި އޮތް އިރުވެސް ރައްޔިތުން ބޭނުންވި އެތައްކަމެއް ހާސިލް ކޮށްދެއްވާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އިދިކޮޅުން މާލޭގައި މުޒާހަރާ ކުރަނީ މަދު ބައެއްކަމަށް މަޖިލިސް ރައީސް ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ވެރިކަން 2012 ވަނަ ވެއްޓުނީވެސް މަދު ބަޔަކު މަގުތަކަށް ނިކުމެ ކުރި އިހުތިޖާޖުގެ ތެރެއިންކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ