ދީބާޖާއަށް 348 މިލިއަން ދޭން އެންގި ގޮތެއް ނޭގޭ، އެދެނީ ހުކުމްބާތިލްކުރަން: ދައުލަތް

ދީބާޖާއަށް 348 މިލިއަން ދޭން އެންގި ގޮތެއް ނޭގޭ، އެދެނީ ހުކުމްބާތިލްކުރަން: ދައުލަތް

Author
މުޙައްމަދު ޝަޒައިމް
14 އޮކްޓޯބަރ 2020 01:04
0

ދީބާޖާއަށް ބަދަލުދޭން ހުކުމްކުރީ ދީބާޖާއިން އަމިއްލައަށް ތައްޔާރުކުރި ލިޔުމަކަށް ބިނާކޮށް ކަމަށާއި އެދެނީ މި ހުކުމް ބަތިލް ކުރުންކަމުގައި ދައުލަތުގެ ފަރާތުން ސްޕްރީމް ކޯޓުގައި ބުނެފި އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.

ދީބާޖާ އިންވެސްޓްމަންޓްއަށް 348 މިލިއަން ރުފިޔާ ދިނުމަށް ނިންމި ނިންމުމާއި ގުޅިގެން އެމައްސަލަ ރިވިއުކުރުމަށް ސުޕްރީމްކޯޓުގައި މިއަދު އޮތް އަޑު އެހުމުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުން ދީބާޖާއަށް ބަދަލު ދޭން ހުކުމް ކޮށްފައި އޮތީ ދީބާޖާއިން އަމިއްލައަށް ތައްޔާރުކުރި ލިޔުމަކަށް ބިނާކޮށް ކަމަށެވެ. އެކަމަކު އެއީ އޮޑިޓިންގެ އުސޫލުތަކަށް ނުފެތޭ ލިޔުމެއް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ އެހާ ގިނަ އަދަދެއްގެ ފައިސާ ދައްކަން ދައުލަތުގެ މައްޗަށް ހުކުމްކުރީ ކޮންޓްރެކްޓާއާ ބެހޭ ގާނޫނުގެ ދަށުން ބަދަލު ނަގައި ދިނުމުގެ އުސޫލުތަކާ ވެސް ޚިލާފަށް ކަމަށާއި އެ އަދަދަށް ވާސިލްވި ގޮތެއް ވެސް ހުކުމުން އެނގެން ނެތް ކަމަށެވެ. ދައުލަތުން ބުނިގޮތުގައި އިސްތިއުނާފް މުއްދަތު ހަމަވުމުގެ ކުރިން އެ މައްސަލަ އިސްތިއުނާފް ނުކުރެވުނީ ސިވިލް ކޯޓުން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބުން ލަސްވުމުން ކަމަށެވެ.

ދީބާޖާގެ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމި މައްސަލައެއް އެ ކޯޓަށް އަލުން ބެލޭނީ ކޮން ހަމައަކުން ކަން ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށެވެ. އަދި ކޯޓުތަކަށް ބާރު ލިބެނީ ވަކި އިމެއްގެ ތެރެއިން ކަމަށާއި ހިތުހުރި ގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމް އައުމުން ދީބާޖާއަށް ބަދަލު ދިނުމާ ބެހޭ ގޮތުން ކޯޓުން ބޭރުގައި ދައުލަތުން މަޝްވަރާކޮށް، ސެޓްލްމަންޓް ކޮމެޓީން ނިންމުމެއް ނިންމާފައި އޮތުމަކީ ސުޕްރީމް ކޯޓުގެ ހުކުމް ދައުލަތުން ވެސް ގަބޫލުކުރާ ކަމުގެ ދަލީލެއް ކަމަށެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއި އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލައިފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ކޯޓުން ބޭރުން މި މައްސަލަ ހައްލުކޮށް 348 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދީބާޖާއަށް ދިނުމަށް ރައީސް އުފެއްދެވި ސެޓްލްމަންޓް ކޮމިޓިން ވަނީ ނިންމާފައެވެ.

ދީބާޖާއަށް މިހާތަނަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާ ދީފައި ނުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.