ދިވެހި ރައްޔިތުން މިހާރު ތިބީ ތަރައްޤީ ހޯދުމަށް ކުއްލި ޖަންޕެއް ޖެހުމަށް ތައްޔާރަށް ކަމަށާއި، ރައްޔިތުން ޖަހަން ބޭނުންވާ ޖަންޕު ހާސިލް ކޮށްދެވޭނެ ޕާޓީއަކީ އެމްޑީޕީކަމުގައި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އެމްޑީޕީއަކީ ކޮންބައެއްކަން ނޯޅޭނެކަމަށެވެ. އެމްޑީޕީއަކީ ރާއްޖޭގެ ރައްޔިތުން ބޭނުންވި ތަރައްޤީއާއި ކުރިއެރުން ގެނުވި ޕާޓީކަމާއި، މީގެ ކުރިން އެމްޑީޕީން ވެރިކަމުގައި އޮތް އިރުވެސް ރައްޔިތުން ބޭނުންވި އެތައްކަމެއް ހާސިލް ކޮށްދެއްވާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން ދެވަނަ ފަހަރަށް ވެރިކަމާއި ހަވާލުވެ މިއަދު ކުރިއަށްދާއިރު ދިވެހިން ތިވީ ތަރައްޤީގެ ޖަންޕެއް ޖެހުމަށް ކެތްމެދުވެފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާއާއި، އުމްރާނީ ތަރައްޤީއާއި، ރާއްޖޭގެ ކުރިއެރުމަށްމިއަދު ކޮންމެ ރައްޔިތަކުވެސް ބޭނުންވަނީ ކުއްލި ބަދަލު އައުންކަމަށާއި، އެކަމަށް އެމްޑީޕީން ތައްޔާރަށް އޮތްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ދިވެހިން ބޭނުންވަނީ ޖަންޕެއް ޖަހަން. ދިވެހިން އެދެނި މިހާރު ތިބި ހާލަތުން ވަރަށް އަވަހަށް ވަރަށް ބާރަށްދާން. ޖީބަށް ވަންނަ އެއްޗެއް އެބަޖެހޭ އިތުރުވާން. އުމްރާނީޚިދުމަތް ރަނަގޅުވާންޖެހޭ. މިކަންކަމަށް ރައްޔިތުން ބޭނުންވަނީ ކުއްލިއަކަށް އަވަސް ޖައްޕެއްޖަހައި ކުއްލިއަކަށްދާން.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ކޯވިޑް ތެރޭގައިވެސް މި ކެންޕެއިންގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާނެކަމަށެވެ. އަދި މިރޭ މިފެށުނު މަސައްކަތްތަކާއިއެކު އިންތިޚާބު ކަމިޔާބު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަންކޮށް މި އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެވޭކަމުގެ އުންމީދު އެބައޮތްކަމަށެވެ.
ކޮމެންޓު ފޮނުވާ