މުޅި ސަރުކާރު އޮތީ އެމްޑީޕީއަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ތައްޔާރަށް: ރައީސް

މުޅި ސަރުކާރު އޮތީ އެމްޑީޕީއަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ތައްޔާރަށް: ރައީސް

Author
މުޙައްމަދު ޝަޒައިމް
14 ފެބްރުއަރީ 2021 09:21
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މުޅި ސަރުކާރު އޮތީ ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން މިރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މި އިންތިޚާބު ކާމިޔާބު ކުރުމަށް މުޅި ސަރުކާރު އޮތީ އެމްޑީޕީގެ ފަހަތުގައިކަމަށެވެ. އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި، ސަރުކާރުގެ ވެރިންނާއި، ކެބިނެޓް މެމްބަރުންނާއި، މުވައްޒިފުންވެސް ތިބީ މިކަމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކޮށްދެއްވުމަށް ތައްޔާރަށް ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންތިޚާބުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި، ކޯވިޑްގެ މިހާރު އޮތް ހާލަތުން އަރައިގަނެ އަންނެ މަހުގެ މެދު ތެރެއިން ފެށިގެން ރަށްރަށަށް ދަތުރުކުރެވި ރަނގަޅު ކެންޕެއިނެއް ކުރެވޭނެކަމަށް އުންމީދު ކުރާކަމަށެވެ. ރައީސް ވިދާޅުވީ އެމްޑީޕީއަކީ އިންތިޚާބުތަކަށް ފަރިތަ ޕާޓީއެއްކަމަށެވެ. މި އިންތިޚާބު އެމްޑީޕީން 80 އިންސައްތަ ތާއީދާއިއެކު ކާމިޔާބު ކުރާނެކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

ޔަގީންކަމާއިއެކު އަޅުގަނޑަށް ދަންނަވަންކެރޭ އެމްޑީޕީ އޮންނާނީ އަބަދުވެސް އިންތިޚާބަށް ތައްޔާރަށްކަން. އެއީ މަޖިލިސް އިންތިޚާބަށް ބެލިޔަސް، ރިޔާސީ އިންތިޚާބަށް ބެލިޔަސް، ކައުންސިލް އިންތިޚާބަށް ވިޔަސް. އެމްޑީޕީއަކީ އިންތިޚާބަށް ފަރިތަ ޕާޓީއެއް. އެމްޑީޕީ މިލިބޭ ކުޑަ ވަގުތުގައިވެސް ބޮޑުތަނުން އިންތިޚާބު ކާމިޔާބު ކުރާނެ.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކެންޕެއިނަށް ރަށްރަށަށް ދިއުމުން އެންމެ ބޮޑަށް އަމާޒުވަނީ ކުރެވުނީ ކޮންކަމެއްތޯ ކަމާއިމެދު އެގޭކަމަށެވެ. މިސުވާލުތަކުގެ ޖަވާބު އެބައޮތްކަމަށާއި، ކޯވިޑްގެ މި ހިތްދަތި ދުވަސްތަކުގައިވެސް އެމްޑީޕީން ވަނީ ރާއްޖޭގައި ބޮޑެތި މަސައްކަތްކޮށް ނަތީޖާ ނެރެފައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އިންތިޚާބުގެ ކެންޕެއިންގައި ކުރާނެ އެންމެ މުހިންމު މަސައްކަތަކީ ކުރެވިފައިވާ ކަންކަން ކިޔައި ދިނުންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.