ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް އަޅައިދެއްވި ހިޔާ ފްލެޓްތައް ހައްގުވާ އެތައްބަޔަކަށް ފްލެޓް ނުލިބި ހުރެދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދައްޗަކީ އަބަދުވެސް އޮތް ދައްޗެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދެއްވުމަށް ރައީސް ޔާމީންގެ ވެރިކަމގައި އެޅުއްވި7،000 ފްލެޓް ދިންއިރު އޭގެ ހައްގުވެރިންނަށް ނުދެވި ހުރެދާނެކަމަށެވެ. އެތައްބަޔަކު ފްލެޓަށް ކުރިމަތިލާފައިވާއިރު، މަދުބަޔަކަށް ފްލެޓް ދެވުމަކީ މިކަމުގެ ޝަކުވާ އިތުރުވެގެންދާނެ ކަމެއްކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
މާލެއަށް ދިމާވެފައިވާ އެންމެބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ މައްސަލަ. ނިމިދިޔަ ސަރުކާރުން 7000 ފުލެޓް ވަނީ އަޅާފަ. މި ފެލެޓް ދިނުމުގައި ވަރަށް ބޮޑު ކަންބޮޑުވުމެއް އެބަހުރި. ހައްގުވާ އެތައް ބަޔަކަށް ފްލެޓް ނުލިބި ހުރެދާނެ. ނަމަވެސް ފްލެޓް ނުލިބި ހުރި މީހުންގެ ތެރެއިން އޭގެ ހައްގުވެރި ފަރާތަކަށް ފްލެޓް ހޯދައިދޭނަން. ބޯހިޔާވަހިކަން ހައްލު ކޮށްދިނުމަށް ކުރަންޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކޮށްދޭނަން.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ހިޔާ ފްލެޓަށް އެދި 23،000އަށްވުރެ ގިނަ މީހުން ކުރިމަތިލިއެވެ. 2018ވަނަ އަހަރު ހިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓު އެކުލަވާލިނަމަވެސް، "ފްލެޓްތަކުގެ މައްސަލަވަލާ ކޮމިޓީ" އުފައްދަވާ މަސައްކަތްފެށީ ފްލެޓް ލިބެނީ އެންމެ ޙައްގުވެރި ފަރާތްތަކަށްކަން ކަށަވަރުކުރުމަށެވެ. މިކަމުގައި އެންމެ ބޮޑު މަސައްކަތަކަށްވީ ގޭގެއަށް ގޮސް ދިރިއުޅުމުގެ ޙާލަތު ދެނެގަތުމެވެ. 2018ވަނަ އަހަރު ހެދި ލިސްޓުގައި މި ބަޔަށް ޕޮއިންޓްދިނީ ހުށައަޅާފައިވާ މަޢުލޫމާތަށް ބެލުމަށްފަހުއެވެ. ނަމަވެސް ފަހުންވަނީ ފްލެޓް ކޮމިޓީގެ މުއައްޒަފުން ގޭގެއަށް ގޮސް ޙާލަތު ބަލާ ޕޮއިންޓް ދީފައެވެ.
ލިސްޓް އާއްމު ކުރުމުގެ މަސައްކަތް ނިމިފައިވާއިރު، ފްލެޓްތަކުގެ ވެރިންނާއެކު އެގްރިމެންޓް ހެދުމުގެ މަސައްކަތް ކުރާނީ ޕްލޭނިންގ މިނިސްޓްރީއިންނެވެ. ހިޔާ މަޝްރޫޢުގެދަށުން ހަދާފައިވާ 16 ޓަވަރުގައި 6720 ހައުސިންގ ޔުނިޓް ހިމެނެއެވެ. މިއީ މުޅިންވެސް ދެ ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ.
ކޮމެންޓު ފޮނުވާ