އެމްއެމްޕީއާރުސީ މައްސަލަ ނިންމޭނެ ތާރީހެއްދޭން ދަތި: އޭސީސީ

އެމްއެމްޕީއާރުސީ މައްސަލަ ނިންމޭނެ ތާރީހެއްދޭން ދަތި: އޭސީސީ

Author
މުޙައްމަދު ޝަޒައިމް
14 އޮކްޓޯބަރ 2020 12:01
0

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅޭ މައްސަލަ ނިމޭނެ ވަކި ތާރީހެއް ދަންނަވަން ދަތިކަމުގައި އޭސީސީން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ މިމައްސަލަޔަކީ އެތައް ބަޔަކު ޝާމިލުވާ މައްސަލަޔަކަށްވާއިރު މައްސަލަ ނިމޭނެ ވަކި ތާރީޚެއް ދަންނަވަން ދަތިކަމަށެވެ. މިމައްސަލަޔަކީ ޖޮއިންޓް އިންވެސްޓިގޭޝަނަކަށްވާއިރު މައްސަލާގައި މިހާރުވެސް ބައެއް ފަރާތްތަކުގެ ތަހިގީގް ކުރަމުންދާކަމަށެވެ. އެގޮތުން މިހާރުވެސް 30 މީހެއްގެ މައްސަލަ ބަލަމުންދާކަމަށް އޭސީސީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިމައްސަލަ ނިމެނޭނެ ތާރީޙެއް ދަންނަވަންދަތި. މިއީ ވަރަށްބޮޑު މައްސަލައެއް. މިމައްސަލަ މިބަލަނީވެސް ވަރަށްބޮޑު ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ތެރެއިން. މިހާރުވެސް އަޅުގަނޑުމެން އެބަ ބަލަން 30 މީހެއްގެ މައްސަލަ" މަރިޔަމް ޝިއުނާ

އެމްއެމްޕީއާރުސީގެ ޙިޔާނާތައި ގުޅިގެން އޭސީސީން މަސައްކަތް ކުރަމުންދާ ގޮތަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، ނަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންގެ ފާޑިކިޔުންވަނީ އަމާޒުވެފަ އެވެ. އިއްޔެގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުންހުރި 70،000އަށްވުރެ ގިނަ މެސެޖު ލިބިވަޑައިގެންފައި ވާކަމަށާ އެމެސެޖްތައް ޢާންމުކުރައްވާނެކަމަށެވެ. މިމައްސަލަގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުންވަނީ އޭސީސީ މެމްބަރުންގެ އިސްތިއުފާއަށްވެސް ގޮވާލާފަ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.