ގިނަ އަދަދެއްގެ ބަނގުރާ ދަޅު ތަކަކާއެކު ފަސް މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ބަނގުރާ ދަޅު ތަކަކާއެކު ފަސް މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
14 ފެބްރުއަރީ 2021 11:45
0

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަބީބު ބެންކާ ދިމާއިން މާލެ ފަޅުގައި އޮތް ދޯންޏަކާއި އެ ސަރަހައްދުގައި އޮތް ޕިކަޕެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކަކާއެކު ދިވެހި ފަސް ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހަކާއި 44 އަހަރުގެ މީހެކެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގެ ތެރެއިން އެ މީހުން ހައްޔަރުކޮށް، އެ ދޯންޏާއި ޕިކަޕު ބަލައިފާސްކުރިއިރު 480 ބިޔަރު ދަޅާއި 24 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މިމައްސަލަ ފުލހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.