ސިޓީން އެއް ވަނައިގައި ހަތްޕޮއިންޓުގެ ލީޑެއް

ސިޓީން އެއް ވަނައިގައި ހަތްޕޮއިންޓުގެ ލީޑެއް

Author
މުޙައްމަދު ޝަޒައިމް
14 ފެބްރުއަރީ 2021 10:37
0

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-0 އިން މޮޅުވެ މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓަށް ލީޑުފުޅާކޮށްފިއެވެ.

ސިޓީ ދަނޑުގައި ރޭ ކުޅުނު މެޗުގެ 23 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުން ރޮޑްރީގޯ (ރޮޑްރީ) އެވެ. މިއީ ޓޮޓެންހަމްގެ ޕިއޭ އެމީލް ހޮއިބިއޭ އޭރިއާތެރެއިން ސިޓީގެ އިލްކާއި ގުންޑޮގާނަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޓޮޓެންހަމްގެ ހެރީ ކޭން ފުރަތަމަ ހާފުގައި ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.

ދެ ވަނަ ހާފްގައި ސިޓީގެ އަނެއް ދެ ގޯލު ޖެހީ ފަަހަކަށް އައިސް އާދަޔާހިލާފު ފޯމެއްގައި ހުރި ގުންޑޮގާން އެވެ. ގުންޑޮގާންގެ ދެ ވަނަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ އެ ޓީމުގެ ކީޕަރު އެޑަސަން އެވެ. ރޭގެ މެޗަކީ ސިޓީން ޖެހިޖެހިގެން ހޯދި 15 ވަނަ މޮޅެވެ. އަދި ބަލިނުވެ ފުރިހަމަކުރި 23 ވަނަ މެޗެވެ.

ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 23 މެޗުން 53 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ފަހަތުން އަރައި ލިވަޕޫލް އަތުން 3-1 އިން މޮޅުވި ލެސްޓާ ސިޓީ އެވެ. ލެސްޓާ އަށް 24 މެޗުން ވަނީ 46 ޕޮއިންޓް ލިބިފަ އެވެ. މެންޗެސްޓާ ޔުނައިޓެޑް ތިން ވަނައިގައި އޮތީ 23 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ރަށުންބޭރުގައި ވެސްޓް ބްރޮމްއާ އެއްވަރުކޮށްލައިގެން ވެސް ޔުނައިޓެޑަށް އަލުން ދެ ވަނަ އަށް އެރޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.