33 ހާހަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފި

33 ހާހަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފި

Author
މުޙައްމަދު ޝަޒައިމް
13 ފެބްރުއަރީ 2021 10:27
0

ރާއްޖޭގައި ކޯވިޑް-19 ދިފާޢުއަށް އަށް ވެކްސިން ދިން މީހުންގެ އަދަދު 33،000 މައްޗަށް އަރައިފިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިނާއި ގުޅޭގޮތުން އެޗްޕީއޭއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ރާއްޖޭގައި ވަނީ 5،717 މީހަކަށް ވެކްސިން ދީފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ދިން 4،609 މީހަކާއި، އަތޮޅުތަކުގެ ރަށްތަކުން ވެކްސިން ދިން 1،108 މީހެކެވެ.

މިހާތަނަށް މާލެ ސަރަހައްދުން 27،065 މީހުންނަށް ވެކްސިން ދީފައިވާއިރު، އަތޮޅުތަކުން 6،041 މީހަކަށް ވެކްސިން ދީފައިވެއެވެ.

މިއާއެކީ މިހާތަނަށް ރާއްޖޭގައި ވެކްސިން ދިން މީހުންގެ ޢަދަދު ވަނީ 33،،106 އަށް އަރާފައެވެ. ރާއްޖޭގައި ދެމުން އަންނަނީ ކޯވިޝީލްޑް ވެކްސިނެވެ. އަދި ދެމުން އަންނީ ވެކްސިންގެ ފުރަތަމަ ޑޯޒްއެވެ.

ރާއްޖޭގައި ރަސްމީކޮށް ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. ރާއްޖެ މިވަގުތު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އޮތުމުގެ ސަބަބުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އަދި ވެކްސިން ދެމުންގެންދާނީ ވެކްސިން ޖެހުމަށް ޚާއްސަ ޕޯޓަލްގައި ރަޖިސްޓްރީވަމުންދާ ފަރާތްތަކަށްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އަދި ވެކްސިން ޕްރޮގްރާމަށް ބޮޑު ތަރުހީބެއް އަންނަަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ވެކްސިން ދިނުމުގައި ކުރީސަފުގައި މަސައްކަތްކުރާ މީހުންނަށް އިސްކަންދޭއިރު، އެކި ދާއިރާތަކުން ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށް އަންނަނީ ވެކްސިން ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.