18 އަހަރުން މަތީ، ހައި ރިސްކް އެންމެންނަށް ވެކްސިން ދޭން ފަށަނީ

18 އަހަރުން މަތީ، ހައި ރިސްކް އެންމެންނަށް ވެކްސިން ދޭން ފަށަނީ

Author
މުޙައްމަދު ޝަޒައިމް
13 ފެބްރުއަރީ 2021 12:03
0

ކޯވިޑް-19 ގެ ވެކްސިން މާދަމާއިން ފެށިގެން، އުމުރުން 18 އަހަރުން މަތީގެ ހައި ރިސްކް އެންމެންނަށް ޖަހައިދޭން ނިންމައިފިއެވެ.

އެޗްޕީއޭ އިން ބުނީ އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ ހައި ރިސްކް މީހުންނާއި 55 އަހަރުން މަތީގެ އެންމެންނަށް މާދަމާ އިން ފެށިގެން ވެކްސިން ދޭނެ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ މީހުންނާއި އެ ބައްޔަށް ފަރުވާކޮށް ނިމި އަހަރެއް ހަމަނުވާ މީހުންގެ އިތުރުން ހަކުރުބަލި ހުންނަ މީހުނާއި ހިތުގެބަލިތައް ހުންނަ މީހުނާއި ސްޓްރޯކް ޖެހުން ފަދަ ބައްޔެއްގައި އުޅޭ މީހުނާއި ކިޑްނީބަލިތަކުގެ މީހުނާއި ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީ ބާރުދަށް ވެފައިވާ މީހުނެވެ.

އަދި ދިގުމުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހުނާއި އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަންމަތި މީހުނާއި ތެލެސީމިއާ / ސިކްލްސެލް އެނީމިއާ ހުންނަ މީހުން ވެސް ހިމެނެ އެވެ.

މާލޭގައި ވެކްސިން ދޭނީ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒުގައި ހެނދުނު 9:00 އިން ހަވީރު 5:00 އަށް އަދި ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށެވެ. ހުޅުމާލޭގައި ވެކްސިން ދޭނީ ކުރީގެ ފްލޫ ކްލިނިކުން ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

އެޗްޕީއޭ އިން އެދެނީ ވެކްސިން ޖަހަން ދިއުމުގެ ކުރިން، އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލްގައި ރަޖިސްޓްރީކުރުމަށެވެ. ނަމަވެސް ވެކްސިން ސެންޓަރަށް ދިއުމުން ވެސް ރެޖިސްޓްރޭޝަން ކަންތައް ފުރިހަމަކޮށްދެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.