ފުވައްމުލަކު ސިޓީގައި ކޯވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ނިންމައިފިއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ރޭގަނޑު 8 ކުން ފަތިހު 4 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ އެވެ. ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަންވެސް ވަނީ އަންގާފައެވެ. މާދަމާއިން ފެށިގެން އަމަލުކުރަން ޖެހޭ ގިނަ ފިޔަވަޅުތަކެއް ވަނީ އާންމުކޮށްފައެވެ.
އެގޮތުން އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން މަނާކޮށް ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދު ކުރަން ވަނީ އަންގާފައެވެ. ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް އަދި ޔުނިވާސިޓީތަކާއި ކޮލެޖް، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުންވެސް ވަނީ ހުއްޓާލާފައެވެ. ހޮޓާ/ކެފޭ، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށްވެސް އަންގާފައިވެއެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ މާދަމާއިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށެވެ.
ފުވައްމުލަކުން މިހާތަނަށް 11 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަތޮޅު ތެރޭގައިވެސް ވަރުގަދަ ކުރަމުންދާއިރު، ރާއްޖޭގައި މިހާރު އޮތް ހާލަތުން މިއީ ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ