ޖިންސީ އަނިޔާއަށް އިންޞާފު ހޯދައި ދިިނުމަކީ ދައުލަތާއި މުޖުތަމަޢުގެ ޒިންމާއެއް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޖިންސީ ގޯނާގެ ގިނަ ތުހުމަތެއް ކުރެވި ޝަރީއަތް ކުރިއަށް ދަނިކޮށް ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފައިވާ ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ޑރ.ޝަހީމް ވިދާޅުވީ އަންހެން ކަނަބަލުންނަށް ޖިންސީ ގޯނާކޮށް ޖިންސީ ފުރައްސާރަ ކުރުމަކީ އިސްލާމީ މުޖުތަމައު ތަރުހީބު ދޭނެ ކަމެއްނޫންކަމަށެވެ. އެފަދަ ކުށްތައް ކުރަ މީހުންނާއި، އެފަދަ ކުށްތަކަށް އަރައިގަންނަ މީހުންގެ މައްސަލަތައް ބެލުމަކީ ދައުލަތާއި، މުޖުތަމައުގެ ޒިންމާއެއްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
އަންހެނުންނަށް ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީ އެކަނބަލުންނަށް ލިބޭ އަނިޔާއިން ސަލާމަތްކޮށްދީ އިންޞާފު ހޯދައި ދިިނުމަކީ މުޅި ދައުލަތާއި މުޖުތަމަޢުގެ ޒިންމާއެއް. ގެވެށި އަނިޔާއާއި ޖިންސީ ގޯނާ ފަދަ މައްސަލަތައް ޚާއްޞަ ކަމެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަންޖެހޭ.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
މާތްވެގެންވާ އިސްލާމް ދީނުގައިވެސް އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި، އަންހެނުންނަށް ހައްގުތަކަށް އިހުތިރާމް ކުރުމަށް ބާރު އަޅުއްވާފައިވާއިރު، އެކަންކަމާއި ޚިލާފަށް ކުރެވޭ ކަންކަމަކީ މުޖުތަމައު ބަލައިގަންނަ ކަންކަމެއް ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެއްވެސް ކަނބަލަކަށް ނުހައްގުން ދެވޭ އަނިޔާއަކީ އެކަމަކަށް އިންސާފު އަރާ ހަމަކުރަންޖެހޭ ކަމެއްކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކީރިތި ޤުރުއާނާއި ސުންނަތުގައި ބާރު އަޅުއްވާފައިވޭ. އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ އިސްލާމްދީނުގެ ތެރެއިންވާ ކަމެއް. އެކަނބަލުންނަށް ލިބޭ އަނިޔާތަކަށް އިންސާފު ހޯދައިދިނުންވަނީ ޙައްޤުތައް ރައްކާތެރި ކުރުމުގެ ތެރެއިން.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
މިސަރުކާރު ވެރިކަމަށް އައިފަހުން ހިނގާ ޖިންސީ ގޯނާއާއި، ޖިންސީ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުންގެ މައްސަލަތައް އެންމެ އެކަށީގެންވާ ގޮތަށް ނުބެލި ދާކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅު ކުރަމުންނެވެ. ޚާއްސަކޮށް ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބަވާ ވެެރިންގެ މެދުގައި ހިންގޭ މިފަދަ އިންސާނިއްޔަތާ ޚިލާފް އަމަލުތައް ބެލުމުގެ ބަދަލުގައި އެމީހުން ހިމާޔަތް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ