ޖިންސީގޯނާގެ މައްސަލަތަކުގައި އިންސާފަށް ލޯބިކުރާ އެންމެހާ ފަރާތްތައް ކަންބޮޑުވާންޖެހޭ ކަމުގައި ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަންގެ އެއްބައިވެރިޔާ ރައީސް އަލްއުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރައިގެ މައްސަލާގައި ދައުވާކޮށް ޝަރީއަތް ފަށާފައިވާ ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަދީ އޭނާ ރާއްޖެއިން ބޭރަށް ފުރާފައިވާ ދަނޑިވަޅެއްގައެވެ. މިމައްސަލާގައި ސަރުކާރުން އަދި މިހާތަނަށް މާބޮޑު އެއްޗެއް ވިދާޅުވެފައިވާ ނުވާއިރު، ސަރުކާރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އަލީ ވަހީދު ފުރައިގެން ދިޔަކަން އެގުނީވެސް މީޑިޔާއިން ކަމަށެވެ.
މިމައްސަލާގައި ސަރުކާރުގެ ކަންބޮޑުވުން މާބޮޑަށް ނެތި މިކަމުގެ ސަމާލުކަން ކުޑަވުމުން ގިނަ ބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ. މިކަމާއި ގުޅިގެން ކޯލިޝަންގެ އެއްބައިވެރިޔާ އަދި އަބަދުވެސް މިފަދަ އިންސާނިއްޔަތާއި ޚިލާފް ކަންކަމާއި ދެކޮޅަށް ބަސްފުޅު ވިދާޅުވާ ރައީސް މައުމޫން ވިދާޅުވީ އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލާގައި ކަންބޮޑުވާނެޖެހޭނީ ހަމަ އެކަނި އަންހެން ބޭފުޅުން ނޫންކަމަށެވެ.
އަންހެނުންނަށް ކުރާ ޖިންސީ ގޯނާއަކީ އިސްލާމްދީނުވެސް ނުހަނު ބޮޑަށް ނަހީ ކުރައްވާފައިވާކަމަށްވާއިރު، މިފަދަ ކަންކަމަށް އަރައިގަންނަ މީހުންނާއި، މިފަދަ ކުށްތަކަކީ އެއްވެސް ހާލެއްގައި ދޫކޮށްލެވޭ އަދި ސަމާލުކަން ނުދެވޭ ކަންތައްތަކަށް ވެގެން ނުވާނެކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ މައްސަލަތަކާއިމެދު އިންސާފަށް ލޯބިކުރާ އެންމެން ކަންބޮޑުވާންޖެހޭކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަންހެނުންނަށްކުރާ ޖިންސީ ގޯނާގެ މައްސަލައިގައި ކަންބޮޑުވާން ޖެހެނީ ހަމައެކަނި އަންހެނުންނެއްނޫން. އެފަދަ ނުބައި ޢަމަލުތަކާމެދު އިސްލާމްދީނުގެ މާތް އުޞޫލުތަކަށާއި އިންސާނީ ޙައްޤުތަކަށާއި އިންސާފަށް ލޯބިކުރާ އެންމެހާ ފަރާތްތައް ކަންބޮޑުވާންޖެހޭ.
– ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން މިކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައިވީނަމަވެސް ސީދާ ވަކި މައްސަލައަކަށް އިޝާރާތް ކުރައްވާފައިނުވެއެވެ. ނަމަވެސް ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ޖިންސީ ފުރައްސާރައިގެ 7 މައްސަލައެއްގައި ދައުވާ ކޮށްފައިވަނިކޮށް ފުރައިގެން ދިއުމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމެކެވެ. މިކަމާއި ގުޅިގެން އާންމުކޮށް މިފަދަ ކަންކަމުގައި އަބަދުވެސް ވަކާލާތު ކުރައްވާ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.
އަލީ ވަހީދު ފުރައިގެން ދިއުމާއި ގުޅޭގޮތުން ޕީޖީ އޮފީހުން ވިދާޅުވީ އޭނާ ފުރައިގެން ގޮސްފައިވަނީ މިފަދަ މައްސަލަތަކުގައި އަމަލުކުރާ އާންމު އުސޫލުންވެސް ބޭރުން އަލީ ވަހީދު ޕާސްޕޯޓް ދޫކޮށް ފުރަން ހުއްދަ ދިނުމުންކަމަށެވެ. އަދި މިއީ އެއްވެސް ވަރަަކަށް އެއޮފީހުން ތާއީދު ކުރި ކަމެއްނޫންކަމަށާއި، ފުރައިގެން ދިޔުމުގެ ކުރިންވެސް ފުރައިގެން ގޮސްދާނެކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ