މަލީހުއާއި ޢާޒިމްގެ ކޯޅުން: މަލީހު އަންގަވަނީ އާޒިމް ބޮޑާނުވެ ހުންނެވުމަށް

މަލީހުއާއި ޢާޒިމްގެ ކޯޅުން: މަލީހު އަންގަވަނީ އާޒިމް ބޮޑާނުވެ ހުންނެވުމަށް

Author
މުޙައްމަދު ޖިމީ
11 ފެބްރުއަރީ 2021 05:20
0

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިން އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމްއާއި، މިނިސްޓަރ މަލީހުގެ ޒުވާބު ހޫނުވެ އެއްބޭފުޅަކު އަނެއްބޭފުޅަކަށް ހޫނު ރައްދު ދެއްވަން ފަށްޓަވައިފިއެވެ.

މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް މިނިސްޓަރ މަލީހު ހައްދަވާފައި ނުވާކަމަށް ބުނެއެވެ. ޤާނޫނީ އިމުގެ ތެރެއިން ހަވާލުވެފައިވާ މަސްއޫލިއްޔަތުގެ ތެރެއިން ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ ކަމަށާއި، ދުސްތޫރާއި ޚިލާފަށް އަބަދު ދޭން ނޫޅުއްވުމަށް ވެސް މަލީހު އެދިވަޑައިގަތެވެ.

މަލީހު އެހެން ވިދާޅުވެ ކުރެއްވި ޓްވީޓަށް ރައްދުދެއްވަމުން، ޢަލީ އާޒިމް ވިދާޅުވެފައި ވަނީ އަވަސް އަރުވާލައިގެން ގަވާއިދު ހައްދަވައި އޭޖީ އޮފީހަށް ފޮނުވާފައި ވަނީ މިނިސްޓަރ މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ވެއްދުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން މަސައްކަތް ފެށިފަހުން ކަމަށެވެ.

އާޒިމްގެ އެވާހަކަފުޅަށް ރައްދު ދެއްވަމުން މަލީހު ވިދާޅުވީ ވީޓީވީގެ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމަށް ތާޢީދުނުކުރާކަމަށް ޚިޔާލުފާޅުކުރެއްވި ހިސާބުން އެކަން އެމްޑީޕީގެ ބޭފުޅުންނަށް ހަޖަމް ނުވެގެން އުޅުއްވާކަމަށެވެ. އަދި ރައްޔިތުންނަށް ވާނުވާ ނޭނގޭކަމަށް ހީކުރައްވަނީ ތޯވެސް މަލީހުވަނީ އާޒިމާ ސުވާލުކުރައްވާފައެވެ. މީގެ އިތުރުން ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ބޭނުން ހިއްޕަވާނެ ކަމަށާއި ބިރު ނުދެއްކޭނެ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ބިރު ނުދެއްކޭނެކަމަށް މަލީހު ވިދާޅުވުމުން ޢަލީ ޢާޒިމް ވަނީ "އަޅުގަނޑަށް ބިރުދެއްކުނީތޯ؟ މަލީހު އަރިހުގައި ސުވާލު ކުރައްވާފައެވެ.

ޢާޒިމްގެ އެވާހަކަފުޅަށް އަނެއްކާވެސް ރައްދު ދެއްވަމުން މަލީހު ވިދާޅުވީ، ޕީޖީ ލީޑަރުގެ "ތާކިހާ" އަޅުއްވައިގެން ހަތަރުދަމު ކުރައްވާ މަސައްކަތަކީ ސަރުކާރު ބަލިކަށިކުރުންކަމަށެވެ. އަދި ފަހަރަކު ވަޒީރަކާ އެއްވެސް އަސާސެއްނެތި ދިމާކޮށް ޖެއްސުންކުރުރަމުން ގެންދަވަނީކަމަށް ވިދާޅުވެ މަލީހު ރައްދު ދެއްވިއެވެ. އަދި މަލީހު ވަނީ ބައެއް ވަޒީރުންގެ ނަންތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން މީގެ ކުރިން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ފާޑުކިއުން އަމާޒުވެ އަދި އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ގޮވާލާފައިވާ ބައެއް މިނިސްޓަރުންގެ ނަންތައްވެސް މަލީހު ހާމަކުރެއްވިއެވެ. އެގޮތުން މިނިސްޓަރ ފައްޔާޒް، މަޚްލޫފް، ޢިމްރާން، އަދި ޒަހާގެ ނަންފުޅު ފާހަގަކުރެއްވިއެވެ. މަލީހު ވަނީ އެކަމުން ލިބޭނެ މޮޅެއް ނޯންނާނެކަމަށް ވިދާޅުވެ މާ ބޮޑާ ނުވެ ހުންނެވުމަށް އާޒިމަށް ދަންނަވާފައެވެ.

 

ޕީޖީ ލީޑަރުގ ތާކިހާ އަޅުއްވައިގެން ތިޔ ކުރައްވާ މަސައްކަތަކީ ސަރުކާރު ބަލިކަށިކުރުން. ފަހަރަކު ވަޒީރަކާ އެއްވެސް އަސާސެއް ނެތި ދިމާކޮށް ޖެއްސުންކުރުން. މިނިސްޓަރ ފައްޔާޒް، މަޚްލޫފް، ޢިމްރާން، ޒަހާ. ތިކަމުން ލިބޭނެ މޮޅެއް ނޯންނާނެ. މާ ބޮޑާނުވެ ހުންނަވާ.

– މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިން އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލްގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ނިންމައި އެނިންމުން ތަންފީޒު ކޮށް ދެއްވުމަށް އެދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ޞާލިހަށް ސިޓީއަކުން ވަނީ ދަންނަވާފައެވެ. އެގޮތުން މިނިސްޓަރ މަލީހުގެ ބެއްލެވުމުގެ ދަށުން ހަދަންޖެހޭ ގަވާއިދު ހަދާ އޭޖީއަށް ފޮނުވާފައިވަނީ ޕީޖީ ގްރޫޕުން އެގޮތަށް ނިންމި ފަހުންކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް، އިއްޔެ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހަށް ވެއްދުމާއި ގުޅިގެން އޭރު މަލީހު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ޤާނޫނު އަސާސީ ޝަރަހަ ކުރައްވަނީ ނުބައިކޮށް ކަމަށެވެ. މަލީހު ވިދާޅުވީ މައްސަލަ ވެއްދިއިރު ވައްދާފައިވަނީ އެއްވެސް ގުޅުމެއްނެތި ތާކުންތާނު ނުޖެހޭ ތުހުމަތުތަކެއްގައި ޤާނޫނު ނުބައިކޮށް މާނަކޮށްގެން ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އެނިންމުމަކީ ޚިޔާލްފާޅުކުރުމުގެ މިނިވަންކަމާއި ހައްގުތައް ހޯދުމަށް ވަކާލާތު ކުރައްވަމުންދިޔަ ބޭފުޅުން އަމިއްލަ ބައިކޮޅަށް ޖެއްސެވި ގޯލެއްކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުން މޮހޮރު ޖައްސަވަމުންދަނީ އަމިއްލަ ސަންދޯކަށް ކަމުގައި ވިދާޅުވެ މިނިސްޓަރ މަލީހުގެ ބަހު ހަމަލާތަކެއް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް އަމާޒުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.