ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އެލުވިޔަސް ބަސްބުނަން ފަސްނުޖެހޭނަން: މަލީހު

ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އެލުވިޔަސް ބަސްބުނަން ފަސްނުޖެހޭނަން: މަލީހު

Author
ޢަލީ އާދަމް
11 ފެބްރުއަރީ 2021 01:14
0

ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އެލުވިޔަސް މާއްދާ 27 އިން ލިބޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާނެ ކަމަށް ވިދާޅުވެ ކޮމިއުނިކެޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމަށް ރައްދު ދެއްވައިފި އެވެ.

މިނިސްޓަރ މަލީހު މިހެން ވިދާޅުވީ، މަލީހު އިތުރުފުޅު ހައްދަވައިގެން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރައްވަނީ ކަމަށް ވިދާޅުވެ ޢަލީ އާޒިމް ކުރެއްވި ޓްވީޓަކަށް ރައްދުދެއްވަމުންނެވެ.

މަލީހު ވިދާޅުވީ ވީޓީވީގެ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމަށް ތާޢީދުނުކުރާކަމަށް ޚިޔާލުފާޅުކުރެއްވި ހިސާބުން އެކަން އެމްޑީޕީގެ ބޭފުޅުންނަށް ހަޖަމް ނުވެގެން އުޅުއްވާކަމަށެވެ. އަދި ރައްޔިތުންނަށް ވާނުވާ ނޭނގޭކަމަށް ހީކުރައްވަނީ ތޯވެސް މަލީހުވަނީ އާޒިމާ ސުވާލުކުރައްވާފައެވެ. މީގެ އިތުރުން ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ބޭނުން ހިއްޕަވާނެ ކަމަށާއި ބިރު ނުދެއްކޭނެ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ޤާނޫނީ އިމުގެ ތެރެއިން ހަވާލުވެފައިވާ މަސްއޫލިއްޔަތުގެ ތެރެއިން ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ ކަމަށާއި، ދުސްތޫރާއި ޚިލާފަށް އަބަދު ދޭން ނޫޅުއްވުމަށް މަލީހު ވިދާޅުވެ ކުރެއްވި ޓްވީޓަކަށް ރައްދުދެއްވަމުން، ޢަލީ އާޒިމް ވިދާޅުވެފައި ވަނީ އަވަސް އަރުވާލައިގެން ގަވާއިދު ހައްދަވައި އޭޖީ އޮފީހަށް ފޮނުވާފައި ވަނީ މިނިސްޓަރ މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ވެއްދުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން މަސައްކަތް ފެށިފަހުން ކަމަށެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލްގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ނިންމައި އެނިންމުން ތަންފީޒު ކޮށް ދެއްވުމަށް އެދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ޞާލިހަށް ސިޓީއަކުން ވަނީ ދަންނަވާފައެވެ. އެގޮތުން މިނިސްޓަރ މަލީހުގެ ބެއްލެވުމުގެ ދަށުން ހަދަންޖެހޭ ގަވާއިދު ހަދާ އޭޖީއަށް ފޮނުވާފައިވަނީ ޕީޖީ ގްރޫޕުން އެގޮތަށް ނިންމި ފަހުންކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް، އިއްޔެ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހަށް ވެއްދުމާއި ގުޅިގެން އޭރު މަލީހު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ޤާނޫނު އަސާސީ ޝަރަހަ ކުރައްވަނީ ނުބައިކޮށް ކަމަށެވެ. މަލީހު ވިދާޅުވީ މައްސަލަ ވެއްދިއިރު ވައްދާފައިވަނީ އެއްވެސް ގުޅުމެއްނެތި ތާކުންތާނު ނުޖެހޭ ތުހުމަތުތަކެއްގައި ޤާނޫނު ނުބައިކޮށް މާނަކޮށްގެން ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އެނިންމުމަކީ ޚިޔާލްފާޅުކުރުމުގެ މިނިވަންކަމާއި ހައްގުތައް ހޯދުމަށް ވަކާލާތު ކުރައްވަމުންދިޔަ ބޭފުޅުން އަމިއްލަ ބައިކޮޅަށް ޖެއްސެވި ގޯލެއްކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުން މޮހޮރު ޖައްސަވަމުންދަނީ އަމިއްލަ ސަންދޯކަށް ކަމުގައި ވިދާޅުވެ މިނިސްޓަރ މަލީހުގެ ބަހު ހަމަލާތަކެއް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް އަމާޒުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.