ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުވެއްނެމަ މަޖިލިސްތެރޭގައި ގެރި ބަކަރީގެ އުސޫލުން ކަންކަން ހިނގައިދާނެކަމުގެ ބިރު ވަރަށްބޮޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނައުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުވި ބިލުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގައި އިއްވުމާއި ގުޅިގެން ޝަރީފް ވިދާޅުވީ ބަރުލަމާނީ ނިޒާމަނީ ނިޒާމަކަށް ބަދަލު ވެއްޖެނަމަ މަޖިލިސް ތެރެއިން ފެނިގެންދާނެ ކަންކަން މިހާރުވެސް ތަސައްވަރު ކުރެވެމުންދާކަމަށެވެ.
ބަރުލަމާނީ ނިޒަމެއްގައި މިހާރު އޮތް މަޖިލިސް ތެރެއިން ގެރިބަކަރި ވިއްކަން ހުންނަ ޒާތުގެ ބަޒަރެއް އުފެދި ނުރައްކާތެރި މަންޒަރުތަކެއް މަޖިލިސް ތެރެއިން ފެނިގެން ހިނގައިދާނެކަމުގެ ބިރު ބޮޑުކަމަށް ޝަރީފް ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމެއްގައި މަޖިލިސް ގެރި ބަކަރި ވިއްކަން ހުންނަ ޒާތުގެ ބާޒާރަކަށް ބަދަލުވެގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށްބޮޑު.
– އިބްރާހިމް ޝަރީފް
ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފައިވަނީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުގަ އެވެ. ޖާބިރު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ރާއްޖޭގައި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމާފައިވީ ނަމަވެސް، ގާނޫނު އަސާސީގައި ވަކި ނިޒާމެއްގެ ވާހަކަ ސީދާ ބަޔާންކޮށްފައިނުވާ ކަމަށެވެ.
އަދި ރިޔާސީ ނިޒާމަކަށް ރައްޔިތުން ވޯޓު ދީފައިވީ ނަމަވެސް، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުތަކަށްފަހު ވެރިކަން ހިންގަމުން އައިސްފައިވަނީ ބަރުމަލާނީ ނިޒާމެއްގެ ސިފަތަކުގެ މައްޗަށް ކަމަށްވެސް ޖާބިރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު، ގާނޫނު އަސާސީ އިސްލާހުކޮށްގެން، ނިޒާމް ބަދަލުކުރުމަކުން ރައްޔިތުންގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނައުމުގެ އިތުރުން ގާނޫނު އަސާސީ އާ ތައާރަޒުނުވާނެކަމަށް އެ ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.
ޖާބިރުގެ ބިލުގެ ފުރުތަމަ ކިޔުން މިއަދު އިއްވާފައިވާއިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ އިސްލާހަކީ މިވަގުތު ބަހުސްކުރަން އެންމެ ރަނގަޅު އިސްލާހެއް ނޫންކަމަށެވެ.
ކޮމެންޓު ފޮނުވާ