އިންސާފުގެ ދަތުރުން ފެނުނީ ބާރާއި ނުފޫޒުން އަދުން އެޅުވިތަން: ޣައްސާން

އިންސާފުގެ ދަތުރުން ފެނުނީ ބާރާއި ނުފޫޒުން އަދުން އެޅުވިތަން: ޣައްސާން

Author
މުޙައްމަދު ޝަޒައިމް
11 ފެބްރުއަރީ 2021 10:55
0

ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް އެންމެބޮޑަށް ވިއްކި އިންސާފުގެ ދަތުރުން މިއަދު ފެނިގެންދަނީ ބާރާއި ނުފޫޒުން ރައްޔިތުން އަޅުވެތި ކުރަމުންދާ މަންޒަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިއަދު ކަންކަން ހިނގަމުންދާ ގޮތާއި އުސޫލުން ބޭރުން ހިނގާކަންކަމަށް އިޝާރާތް ކުރައްވައި ޣައްސާން ވިދާޅުވީ "ހިޔާ" ފްލެޓުގެ ހައްގުވެރިން ކަނޑައެޅި ގޮތަށް އެކަނި ބަލައިލި ކަމުގައިވީނަމަވެސް ރާއްޖޭގައި އިންސާފު އޮތް ގޮތް ހާމަވާކަމަށެވެ. ވެރިކަމަށް އައުމަށް ރައްޔިތުންނަށް ދެއްކި މޫނަކީ އަދުލު އިންސާފާއި ހަމަހަމަކަން ކަމަށާއި، ނަމަވެސް ވެރިކަމަށް އައުމަށްފަހު އެހުރިހާ ކަމެއް ނެތި ގޮސްފައިވާކަމަށެވެ.

މިއަދު ކޮންމެ ކަމެއްވެސް ކުރަނީ ބާރާއި ނުފޫޒު އިންތިހާއަށް ބޭނުންކޮށް، ވަކި ބަޔަކަށް ބަކި ގޮތެއް ހަދަމުންދާތަން ކަމަށާއި، އަދުލު އިންސާފަކީ މިއަދު ވަކި ބައެއްގެ މުށު ތެރޭގައި އޮތް ސިޔާސީ ބާރެއްކަަމށް ޣައްސާން ވިދާޅުވިއެވެ.

އަދުލު އިންސާފުގެ އަސާސަކީ ހަމަހަމަ ކަން. "އިންސާފުގެ ދަތުރު" ގެ ވާހަކައިން ރައްޔިތުން ބެއްލެވީ އެ މިންގަޑަށް. ފެންނަނީ ޒާތީ ހަސަދަ ފިލުވުމަށް، އެތަކެއް ރައްޔިތުންގެ ހައްގު ޤުރުބާން ކުރާތަން. ބާރާއި ނުފޫޒުން އަދުން އެޅުވިތަން. ދެއްކީވެސް ހުސް ވާހަކަ ކަން. އެއްވެސް އިހުލާސްތެރި ކަމެއްނެތްކަން.

– ޣައްސާން ވިދާޅުވިއެވެ.

ޣައްސާން މިފަދަ ގޮތަށް ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް އިއްވެވި ފަނޑިޔާރު، އަލީ ރަޝީދުގެ އާއިލާގެ ހުރިހާ މެމްބަރުންނަށް ހިޔާ ފްލެޓު ލިބިފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ކުރެއްވި ޓްވީޓުގައެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީއެއްގެ ގޮތުގައި ކުރިން ހުންނެވި އަލީ ރަޝީދުވަނީ ރައީސް ޔާމީނަށް ހުކުމް ކުރެއްވި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރައްވާފައެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރައްވާ ގޮތުގައި މިއީ އަލީ ރަޝީދު ރައީސް ޔާމީނަށް ހުކުމް ކުރުމަށް ދެއްވާފައިވާ ހަދިޔާއެކެވެ. ކުރިން ސިވިލް ކޯޓްގެ އިސް ގާޒީކަން ވެސް ކުރެއްވި އަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ގާޒީ އެވެ. އަދި އަލީ ރަޝީދަކީ ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ފަހުން ފުރަތަމަ މަރުގެ ހުކުމެއް އިއްވެވި ގާޒީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.