ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗްޑީސީ) ގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިންދިނުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ ވެކްސިން ޕްރޮގުރާމުގެ ތެރެއިން އިއްޔެ އެޗްޑީސީގެ މުވައްޒިފުންނަށް ވެކްސިން ދިނުމުގެ ޕްރޮގުރާމުގައި ވެކްސިން ދިނުމަށް އިސްކަންދީފައިވަނީ އެކުންފުނީގެ ފްރަންޓް ލައިންގައި މަސައްކަތް ކުރާ މުވައްޒިފުންނަށެވެ. ވެކްސިން ޕްރޮގުރާމު ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ހޮސްޕިޓަލާއި، އެޗްޕީއޭ ގުޅިގެންނެވެ.

ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ ކޯވިޑް ވެކްސިން ޕްރޮގުރާމުގެ ދަށުން ފްރަންޓް ލައިންގައި މަސައްކަތް ކުރާ ގިނަ މީހުންނަށްދަނީ ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށާއި، ޞިއްޚީ ޚިދުމަތްތެރިންނަށާއި، ސިފައިންނަށާއި، ފުލުހުންނަވެސް ވެކްސިން ދިނުމުގެ ޚާއްސަ ޕްރޮގުރާމުތަކެއް މިހާރުވަނީ ފަށާފައެވެ.
ރާއްޖޭގައި މިހާތަނަށް ކޯވިޑް-19އިން ރައްކާތެރިވާ ވެކްސިން ޖެހި މީހުންގެ ޢަދަދު ވިހި ހާހަށްވުރެ މައްޗަށް އަރާފައެވެ. މާލެ ސަރަޙައްދުން މިހާތަނަށް ޖުމްލަ 16703 މީހުން ވަނީ ވެކްސިން ޖަހާފައިވާއިރު، އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 3458 އަކަށް އަރާފައެވެ.
ވެކްސިން ދިނުމުގެ މަސައްކަތް މާލޭގެ 7 ސެންޓަރަކާއި، އަތޮޅުތަކުގެ 38 ސެންޓަރެއްގައި މިހާރުވަނީ ފަށާފައެވެ. ރާއްޖޭގައި މިހާރު ޖަހަމުންދަނީ އޮކްސްފޯޑާ އެސްޓްރާޒެނެކާ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. ވެކްސިން ފުރަތަމަ ޖަހަންފެށީ ކޯވިޑް-19ގެ ކަންކަމުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ގަޔަށެވެ. ނަމަވެސް މިހާރުވަނީ އުމުރުން 55އަހަރުން މަތީގެ މީހުންގެ ގަޔަށްވެސް ވެސްސިން ޖަހަން ފަށާފައެވެ.
ކޮމެންޓު ފޮނުވާ