ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ތެރޭގައި އޮތް ވާތުފިޔާގެ ލާދީނީ ގުރޫޕަކީ ކޮންބައެއްކަން ދިވެހި ރައްޔިތުންނަށް ނޯޅޭ ކަމުގައި ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ޤާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރާއި ގުޅިގެން ދީނީ ގިނަ އިލްމުވެރިންގެ ފާޑުކިޔުންވަނީ މިކަމާއި އެއްކޮޅަށް ވަކާލާތު ކުރައްވާ މެމްބަރުންނަށް އަމާޒު ވެފައެވެ.
ދީނީ އިލްމުވެރިންގެ ތެރެއިން މިކަމާއި ދެކޮޅަށް ވާހަކަ ދެއްކެވި ބައެއް ބޭފުޅުންނަށް އަމާޒުކޮށް މަޖިލީހުގައިވެސް ވަނީ އެބޭފުޅުންނަށް ރައްދުދެއްވައި ހައްދަވާފައެވެ. މިބަހުސްތަކާއި ގުޅިގެން ޝައިޚު އަލީ ޒައިދު ވިދާޅުވީ އެމްޑީޕީ ތެރޭގައި ވަރަށް ރަނގަޅު ބޭފުޅުންވެސް ތިއްބެވިކަމީ ގަބޫލު ކުރަންޖެހޭ ހަގީތަތެއް ކަމަށެވެ. ނަމަވެސް އެމްޑީޕީ ތެރޭގައި ފެށުނީއްސުރެ އިސްލާމްދީނާއި، ޚިލާފް، ލާދީނީ ކަންކަން ފަތުރަން މަސައްކަތްކުރާ ބަޔަކު އަބަދުވެސް އުޅޭ ކަމަށާއި، އެމީހުންނަކީ އެމްޑީއެން ރިޕޯޓުވެސް ދިފާއުކޮށް އެމަސައްކަތުގައިވެސް އުޅުއްވި ބޭފުޅުންކަމަށެވެ.
އެމްޑީޕީގެ ތެރޭގައި ވަރަށް ރަނގަޅު ބޭފުޅުންވެސް އެބަތިބި! ނަމަވެސް އެމްޑީޕީގެ ވާތުފިޔާގެ ލާދީނީ ގްރޫޕަކީ ކޮންބައެއްކަން ދިވެހި ރައްޔިތުންނަކަށް ނޯޅޭ! މިބައި މީހުންނަކީ އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކުރި ރިޕޯޓްވެސް ދިފާޢުކުރި މީހުން! މި ގްރޫޕް މިއުޅޭ ގޮތާއިމެދު ހައިރާނެއްނުވޭ.
– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.
އިލްމުވެރިންނަށް އަމާޒުކޮށް މަޖިލިސް ރައީސް ވިދާޅުވެފައިވަނީ މިޔުޒިކަކީ ދިވެހިންގެ އާންމު ދިރިއުޅުމާއި ޒަމާނުއްސުރެ ގުޅިފައިވާ ކަމަކަމަށްވާއިރު އެކަން ހަރާމް ކުރުމަށް ކުރެވޭ މަސައްކަތަކީ ދިވެހިން ނިކަމެތި ކޮށްލުމަށް ހިންގޭ ކަމެއްކަމަށެވެ. އަދި އެއީ ދިވެހިންގެ އެއްބައިވަންކަން ރޫޅާލައި ދިވެހިންގެ މުޖުތަމައުގެ އިޖުތިމާއީ ފޭރާން ބަލިކަށި ކޮށްލުމަށް ހިންގޭ ކަމެއްކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވިއެވެ.
މިޔުޒިކަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާއި ގުޅިފައިވާ ކަމެއް. ބައެއްގެ އާންމު ދިރިއުޅުން ހަރާމް ކަމަށް ގޮވުމަކީ އެބައެއްގެ މުޖުތަމައު ރޫޅާލުމަށް ހިންގޭ މަސައްކަތެއް. ދިވެހިން ނިކަމެތި ކުރުމަށް ހިންގާ އަމަލެއް.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ދީނީ ގޮތުން ހުއްދަ ލިބިފައިވާ މީހުންނަށް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ހުކުމްތައް ބަޔާންކޮށް އެކަން ސާފުކޮށް ދިނުމަކީ އެބޭފުޅުންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ