ޖިންސީ ފުރައްސާރައިގެ މައްސަލާގައި މިނިސްޓަރުގެ މަޤާމުން ވަކިކޮށް ދައުވާ އުފުލާފައިވާ ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ފުރުވާލުމުން ކުރީގެ ވަޒީރު އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަނީސާ އަހުމަދުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފިއެވެ.
ޖިންސީ އަނިޔާއާއި، ޖިންސީ ފުރައްސާރައާއި ދެކޮޅަށް އަޑު އުފުލައި އެކަންކަން ބެލުމަށް މެދު ނުކެޑި ގޮވާލަމުންދާ އަނީސާ ވިދާޅުވީ ވަޒީފާގެ މާހައުލުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒިފުންނަށް ޖިންސީ ގޯނާކޮށް، އެމައްސަލަ އުފުލާފައިވާ ވަގުތެއްގައި މީގެ ކުރިންވެސް ސިޔާސީ ހިމާޔަތް ހޯއްދެވި ޤައުމަށް އަލީ ވަހީދު ދާން ފުރުސަތު ދިނުމަކީ އޮތް ބޮޑު ކަންބޮޑުވުމެއްކަމަށެވެ. މިފަދަ ސީރިއަސް މައްސަލަތަކުގައި ޖިންސީ ފުރައްސާރަ ކުރާމީހުންގެ މައްސަލަ ނުބެލި ދާކަމީ މިފަދަ މައްސަލަތައް ހުށަހެޅުމަށްވެސް އޮތް ހުރަހެއްކަމަށް އަނީސާ ވިދާޅުވިއެވެ.
މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދަޢުވާ އުފުލާފައިވަނިކޮށް އެމީހާއަށް ކުރިން ޙިމާޔަތް ދީފައިވާ ގައުމަކަށް ދިއުމަށް ހުއްދަދިނުމަކީ މިބާވަތުގެ މައްސަލަތައް ރިޕޯޓު ކުރުމަށް އެޅުނު ބޮޑުހުރަހެއް. ރިޕޯޓުކުރުމަށް ފަސްޖެހެނީވެސް މުއަައްސަސާތަކުން ސީރިއަސްކޮށް ނުނަގާތީ. މިއީ ކުރިންވެސް ތުހުމަތު ކުރެވުނު ދައުލަތުގެ އިސްމަގާމުތަކުގައި ތިބިބައެއްމީހުން ޙިމާޔަތް ކުރެވުނުހެން ޙިމާޔަތް ކުރެވުނުމީހަކަށް ނުވާނެކަމަށް އުންމީދުކުރަން.
– އަނީސާ ވިދާޅުވިއެވެ.
ޢަލީ ވަޙީދު ބޭރަށް ވަޑައިގެންފައިވަނީ ޓަރކިޝް އެއަރލައިންގައި ލަންޑަނަށްކަމަށް މައުލޫމާތު ލިބެއެވެ. ޢަލީ ވަޙީދު އިނގިރޭސިވިލާތުގެ ލަންޑަނަށް ވަޑައިގެންފައިވާއިރު، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އަމިއްލަ ފުޅަށް އަރުވާލެވިގެން އިންގިރޭސިވިލާތުގައި ޢަލީ ވަޙީދު ހުންނެވިއެވެ. ޢަލީ ވަހީދު ރާއްޖެ ދޫކުރައްވާ ވަޑައިގެންފައިވާއިރު، އޭނާގެ މައްޗަށް ވަނީ 7 ދަޢުވާއެއް އުފުލާފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނަގެ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައި ވާއިރު މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. އަދި މިމައްސަލާގެ ތަހުޤީގަށް ސުވާލުކުރުމަށް ޢަލީ ވަހީދުވެސް ވަނީ ފުލުހުންގެ ޢިދާރާއަށް ހާޒިރުކޮށްފައެވެ. މީގެ އިތުރުން މިމައްސަލައާއި ގުޅޭ އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ