ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބަވާ މެމްބަރުންނަށް މަޖިލީހުން ލިބިވަޑައި ގަންނަވާ އިމްތިޒާއި ރައްކާތެރިކަމަކީ މާދަމާގެ ހިސާބުން ރެކެވެން އޮތް އުޒުރެއް ނޫންކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އިލިޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
ޝައިޚު އިލިޔާސް މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކު އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ހުށަހަޅާފައިވާ ޤަރާރާއި ގުޅިގެން މަޖިލީހުގެ ބައެއް މެމްބަރުން ތަޅުމުގައި ދައްކަވަމުންދާ ވާހަތަކަށް އިޝާރާތް ކުރައްވައެވެ.
ޝައިޚު ވިދާޅުވީ ދީނީ ގޮތުން ކަންކަން އޮންނަ ގޮތް ނޭގި ނަމަވެސް އެކަންކަން ކަމުގެ މައުލޫމާތު ހޯދުމެއްނެތި ތިމާ ހިތަށް އައިހައި އެއްޗެއް ކިޔައި ވާހަކަ ދެއްކުމަކީ އެކަމުން ތިމާއަށް މަންފާތަކެއް ކުރާނެ ކަމެއްނޫންކަމަށެވެ. އެފަދަ މީހުންނަށް ދިވެހި ބަހުން ކިޔައި އުޅެނީ ރޯނު އެދުރުންކަމަށް ޝައިޚު އިލިޔާސް ވިދާޅުވިއެވެ.
މިއަދު އިމްތިޔާޒު ލިބިގެން ތަޅުމުގައި ތިބެ ހިތުހުރި އެއްޗެއް ބުނެވިދާނެ. އެ އިމްތިޔާޒަކީ މާދަމާގެ ހިސާބުން ރެކެވޭނެ އުޒުރެއްނޫން. ތިމާޔަށް ނޭގޭ ކަންކަން އެގޭ ކަމަށް ހަދައިގެން ވާހަކަ ދައްކާ މީހުންނަށް ދިވެހި ބަހުގައި ކިޔަނީ "ރޯނު އެދުރު"
– ޝައިޚު އިލިޔާސް ހުސެއިން ވިދާޅުވިއެވެ.
Miadhu "imthiyāz" libigen thalhumuga thibe hithu huriechcheh bunevidhane, e "imthiyaaz" aky mādhamāge hisābun rekeveyne uzurehnun. Thimayah neyngey kankan engey kamah hedhigen vāhaka dhakkā myhunah dhivehi bahuga kiyany "roanu edhuru". Eyah vevadainugen mi speech adu assavalavva
— Ilyas Hussain (@shkilyas) February 10, 2021
މަޖިލީހަށް ހުށަހެޅިފައިވާ މި ޤަރާރަށް ބަހުސް ކުރެއްވި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންވަނީ ލަވަޔާއި މިޔުޒިކަކީ އިންސާނާގެ ހަޔާތުގެ އެންމެ މުހިންމު ބައިވެރިޔާކަމަށް ވިދާޅުވެފައެވެ. އަދި ރޮކް ލަވަޔަކީ ހަރާމް އެއްޗެއްކަމަށް ބައެއް ދީނީ އިލްމުވެރިން ހެދުމަށް މަސައްކަތް ކުރާކަމަށާއި، ނަމަވެސް އެކަން އެގޮތަށް ހެދޭނެ އެއްވެސް ހުއްޖަތެއް ނެތްކަމަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގައި ބަހުސް ކުރެވޭ މިމައުޞޫއަށް ގިނަ ދީނީ އިލްުމުވެރިންގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީންވެސް ވަނީ ދީނީ އިލްމުވެރިންގެ ކަންވޮޑުވުންކަމަށް އިޙުތުރާމު ކުރުމަށް ގޮވާލާފައެވެ. ނަމަވެސް މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިކަމަށް ބާރު އަޅުއްވައި ދީނީ އިލްމުވެރިންނަށް ރައްދުވާ ގޮތަށް ބައެއް ވާހަފުޅު ދައްކަވައި ލަވަޔާއި މިޔުޒިކަށް ހިތްވަރު ދެއްވާފައެވެ. މިމައްސަލާގައި އެންމެބޮޑަށް ފާޑުވިދާޅުވަމުންދަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ނިސްބަތްވާ ދީނީ އިލްމުވެރިންނެވެ.
ކޮމެންޓު ފޮނުވާ