ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ހުޅުމާލޭ ފޭސް ދޭއްގައި އަޅައިދެއްވި ހިޔާ ފްލެޓުގެ ހައްގު ވެރިންގެ ތެރެއިން އެތަކެއް ބައެއްގެ އަތުން ފްލެޓް އަތުލައި ހިންގަވާފައިވާ ކަންކަމުގެ ހަގީގަތް މިއަދު އިދިކޮޅު ކޯލިޝަނުން ބާއްވާ ޕްރެސް ކޮންފަރެންސުގައި ހާމަކޮށްދެއްވާނެކަމަށް ހިޔާ ފްލެޓް މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކުރީގެ ހައުސިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ ޑރ.މުއިއްޒު ވިދާޅުވީ ރައީސް ޔާމީން އަޅުއްވައިދެއްވި ހިޔާ ފްލެޓްތަކުން ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމުކޮށް އޭރުގައި ފްލެޓް ލިބުނު އެތައްބަޔަކު މިސަރުކާރުން ފައިނަލް ލިސްޓު ނެރެނެދެންވެސް އިންތިޒާރުގައި ފްލެޓް ލިބޭނެކަމަށް އުންމީދު ކުރިކަމަށެވެ. ނަމަވެސް ފައިނަލް ލިސްޓު އާންމުކޮށްފައިވާއިރު މިކަމަކީ ވަރަށް ނާއިންސާފުން ކޮށްފައިވާކަމެއްކަން މިއަދު އެގެން އޮތްކަމަށެވެ.
ފްލެޓް ހައްގުވާ މީހުންގެ ތެރެއިން އެތަކެއް ބައެއްގެ އަތުން ފްލެޓްތައް ނިގުލައިގަނެ، ވަކި ގޮތަކަށް ލިސްޓު ބަދަލު ގެނައުމަކީ ފްލެޓްތަކުގެ ހައްގު ވެރިންނަށް އެކަމުން ބޮޑު ނިކަމެތިކަމެއް ލިބިފައިވާ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަދު ހަވީރު ޕީޕީއެމް އޮފީހުގައި ބާއްވާ ޕްރެސް ކޮންފަރެންސުގައި މިކަމުގެ ހަގީގަތް ހާމަކޮށްދެއްވާނެކަމަށެވެ.
ރައީސް ޔާމީން ސަރުކާރުގައި ހިޔާ ފްލެޓް ފައިނަލް ލިސްޓަށް އަރާ މިސަރުކާރުގެ ވަގުތީ ލިސްޓުން ފްލެޓް ގެއްލުނު ރައްޔިތުންތިބީ ހިޔާ ފްލެޓް ފައިނަލް ލިސްޓު އިއުލާން ކުރަންދެންވެސް އުންމީދު ގެއްލުވާނުލައި، ނަމަވެސް އެ ރައްޔިތުންގެ އުންމީދު މިއަދުވަނީ މި ސަރުކާރުން ގެއްލުވާ، އެ ރައްޔިތުންނަށް ނުހައްގުން އަނިޔާވެރިވެފައި.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔަމީން ޢަބްދުލްޤައްޔޫމް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި 7000 ހައުސިންގ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް ޢާންމު ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ހިޔާ މަޝްރޫޢުއަށް ކުރިމަތިލުުމަށް ހުޅުވާލުމުން 25،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާއިރު، ފްލެޓް ލިބެނީ 6،720 މީހުންނަކަން ގެޒެޓްކޮށްފައިވާ ދާއިމީ ލިސްޓުގައިވެއެވެ. ކުރީ ސަރުކާރުން ޢިމާރާތް ކުރި 7000 ފްލެޓް، މިސަރުކާރުން ވަނީ ގްރައުންޑް ފްލޯއަކީ އަސާސީ ބޭނުންތަކަށާއި، ވިޔަފާރީގެ ބޭނުނަމަށް އެތަންތަން ޚާއްޞަކޮށްފައެވެ. މިއާއެކު7000 ފްލެޓްގެ ޢަދަދު ވަނީ 6،720 އަށް މަދުވެފައެވެ.
ހިޔާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިމާރާތްކުރަން ފަށާފައިވަނީ 7000 ޔުނިޓުގެ ޓަވަރުތަކެކެވެ. އެ ހިޔާ ފްލެޓްތަކުގައި ހިމެނޭ 2500 ފްލެޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢުއެއް ނޫންކަމަށް ފްލެޓް ކޮމިޓީގެ މެންބަރު ޠާހާ މުޙައްމަދު ވިދާލުވެފައިވާއިރު، 2500 ޔުނިޓުގެ މަސައްކަތް ކުރީ ސަރުކާރުންވަނީ ޗައިނާގެ ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށް އެމަސައްކަތުގެ އީ.އައި.އޭ ރިޕޯޓުވެސް ނިންމާ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީއިން ޝާއިރުކޮށްފައެވެ.
އެހެންނަމަވެސް މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު 2500 ޔުނިޓްގެ ޑިޒައިނާއި ސްކޯޕަށް 2019 ވަނަ އަހަރުވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ހައުސިންގ މިނިސްޓްރީން ކުރިން ބުނެފައިވަނީ ދެކޮޓަރީގެ އެޕާޓްމަންޓްތަށް ތިންކޮޓަރިއަށް ބަދަލުކުރުމުން 2500 ޔުނިޓް 1700 ޔުނިޓަށް މަދުވެފައިވާކަމަށެވެ.
މިސަރުކާރުން ފްލެޓް ލިބޭ މީހުންގެ ޙަލަތު ބެލުމަށްފަހު އިޢުލާންކުރި ވަގުތީ ލިސްޓަށްވެސް ގިނަ ބަޔަކު ޝަކުވާ ހުށައެޅިއެވެ. އެގޮތުން ދިރިއުޅުމުގެ ޙާލަތަށް ރަނގަޅަށް ރިޔާއަތް ނުކުރާކަމަށާއި، ހާލުގައި ދިރިއުޅޭ މީހުންނަށް ފްލެޓް ލިބިފައި ނުވާކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ